Last Updated: June 28, 04:05
Saturday, June 27, 2026
ޚަބަރު

ޒަކާތު ސްކޮލަޝިޕްތަކުން ކިޔެވޭ ދާއިރާތައް މިހިރީ

ޒަކާތު ފަންޑުން ދޭން ސްކޮލަޝިޕްތަކުން ކިޔެވޭ ދާއިރާތައް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޖުމްލަ 73 ސްކޮލަޝިޕެއް ދޭން ނިންމާފައިވާ އިރު ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ނިޔަލަށް އޮންނާނެ އެވެ.

ޒަކާތު ފަންޑުގެ އެހީގައި ރާއްޖޭން ކިޔެވުމަށް 54 ފުރުޞަތު ހިމަނާފައިވާއިރު މީގެ ތެރޭގައި ޑިޕްލޮޕާގެ 20 ފުރުޞަތާއި ޑިގްރީގެ 34 ފުރުޞަތު ހިމަނާފައިވެއެވެ. މީ ގެތެރޭގައި އިމާމުކަމުގެ ކޯހާއި އިސްލާމާއި ޤުރުއާން އަދި ޢަރަބި ބަސް ކިޔަވައި ދިނުމުގެ ދާއިރާއާއި ޑޮކްޓަރުކަން ކިޔެވުން ހިމެނެއެވެ.

ޑޮކްޓަރުކަން ކިޔަވަން ދެ ފުރުސަތު ދީފައިވާއިރު ރާއްޖޭގައި ޑޮކްޓަރީ އިންޓާންޝިޕް ފުރިހަމަ ކުރުމަށް ވެސް ވަނީ 10 ޖާގަ ހުޅުވާލައިފަ އެވެ. ނޮން-އޯއީސީޑީ ޤައުމުތަކުން ކިޔަވަން ދީފައިވަނީ ޑިގްރީ ފެންވަރަށް ތަމްރީނުވުމުގެ ދެ ފުރުސަތެވެ. އެއީ ސިވިލް އިންޖީނިއަރިންއާއި އޮޓޯ މޯބައިލް އިންޖީނިއަރިންއެވެ.

މިޞްރުގެ އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކަށް އެހެނިހެން ޚަރަދުތައް ކުރުމަށް ޒަކާތު ފަންޑުން އެހީ ދިނުމަށް ވެސް ވަނީ ހަމަޖެހި ފައެވެ.

މާސްޓާސް އަށް ކިޔެވުމަށް މެލޭޝިއާގައި ދީފައި ވަނީ ދެ ފުރުސަތެވެ. އެއީ އިސްލާމާއި ޤްރުއާންގެ ކަރިކިއުލަމް އެކުލަވާލުމާ ބެހޭ ދެ ފުރުސަތެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށް ބިޒްނަސް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން ދެ ފުރުސަތު ދީފައެވެ.
ޒަކާތު ސްކޮލަޝިޕަށް ކުރިމަތިލެވޭނީ، މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު 18 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި ސްކޮލަޝިޕް ލިބޭތާ 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީޏް ބުންޏެވެ.