އިދިކޮޅު ފަރާތްތަކުން ގާނޫނު އަސާސީއަށް ގޮންޖަހައި ހިންގާ ޢައިރު ގާނޫނީ ހަރަކާތްތައްވެސް ބޭރުގެ ގައުމުތަކަށް ފެންނަން ޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވެ ވިލާތުގެ އިއްތިހާދު (އީޔޫ)އިން ނެރުނު ބަޔާނަށް ރައްދު ދެއްވައި ސަރުކާރުން ބުނީ އިދިކޮޅުގެ ހަރަކާތްތައްވެސް ހުންނަން ޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސަރުކާރުން ބުނީ އިދިކޮޅު ސިޔާސީ ހަރަކާތަކީ ޑިމްކްރަސީއަށް މުހިއްމު ބައެއް ކަމަށާއި، ނަމަވެސް ގާނޫނާއި ގަވާއިދުތަކަށް ގޮންޖަހައި، ގައުމު ހަލަބޮލިކޮށް ރައްޔިތުން އޮޅުވާލުމަށް ކުރާ މަސައްކަތަކަށް ޖާގަ ނުދޭނެކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ ގާނޫނާއި ހިލާފު އަމަލު ނުކުރުމަށާއި ކުރިއަށް އޮތް އިންތިހާބު ވީހާ ވެސް އިންސާފުވެރިކޮށް، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ބާރުއަޅައި، ހިތްވަރު ދޭން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އީޔޫން ވަނީ ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.