Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް ސަސްޕެންޑްކޮށްފި

ފޮޓޯ: ވީއެފްޕީ

ބ. ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ސާޖިދު މުސާރައާއި ޢިނާޔަތް ނުލިބޭ ގޮތަށް ތިންމަސް ދުވަހުގެ މުއްދަތަކަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑް ކޮށްފިއެވެ.

ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ ބ. ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަޤާމަށް މެމްބަރަކު އައްޔަން ނުކުރައްވާ ކަމަށް ބުނެއެވެ.

އެލްޖީއޭއިން ވަނީ ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު އެމަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން އެމަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު އައްޔަންކުރަން ދެ ފަހަރެއްގެ މަތިން ސާޖިދަށް އަންގާ ސިޓީ ފޮނުވާފައެވެ. ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ އެންގުމުންވެސް އެގޮތަށް ޢަމަލުކޮށްފައި ނުވާތީއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ސާޖިދު އެއް މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާއިރު އެފަހަރު އޭނާ ސަސްޕެންޑްކޮށްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އެކައުންސިލުން ނެރުނު ގަރާރަކާއި ގުޅިގެނެވެ. މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް އޭނާ އެލްޖީއޭއިން ސަސްޕެންޑް ކުރިއިރު އޭނާއާއެކު ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު ވެސް ސަސްޕެންޑް ކޮށްފައިވެއެވެ.

ކަމަދޫ ކައުންސިލުގެ ރައީސްކަމަށް މެމްބަރަކު އައްޔަންކުރެވެންދެން ކައުންސިލު ހިންގުމުގެ ހުރިހާކަމެއް އެލްޖީއޭ އިން ވަނީ އެކައުންސިލުގެ މެމްބަރު އަހުމަދު ސަމީރުއާ ހަވާލުކޮށްފައެވެ.