Last Updated: March 29, 16:45
Friday, March 29, 2024
ދުނިޔެ

ނަޖީބުގެ އަނބިކަނބަލުން އޭސީސީއަށް ހާޒިރު ކުރަނީ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާކްގެ އަނބިކަނބަލުން ދާތީން ސެރީ ރޮސްމާ މަންސޫރު އަންނަ އަންގާރަ ދުވަހު މެލޭޝިއަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

މެލޭޝިއާގެ ދަ ސްޓަރ އޮންލައިންއިން ރިޕާޓު ކޮށްފައިވާގޮތުގައި ރޯސްމާ ހާޒިރު ކުރަނީ 1 އެމްޑީބީގެ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި ބަޔާން ނެގުމަށެވެ.

1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލުން މަދުވެފައިވާ ފައިސާއާ ގުޅޭ ގޮތުން ރޮސްމާއާއި ސުވާލުކުރާއިރު މީގެ ކުރިން ވަނީ ނަޖީބާއި ތިން ފަހަރެއްގެ މަތިން މި މައްސަލައާއި ބެހޭގޮތުން ސުވާލުކޮށްފައެވެ.

މިގޮތުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 2.6 ބިލިއަން ރިންގިޓާއި ބެހޭގޮތުންވެސް ސުވާލުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ނަޖީބު ވިދާޅުވެފައިވަނީ އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައިނުވާނެކަމަށާއި އެ ފައިސާއަކީ ސައުދީގެ ޝާހީ އާއިލާއިން ދިން ހަދިޔާއެއްކަމަށެވެ.

މެލޭޝިއާގެ އާސަރުކާރު އެކުލަވައިލެވުމާއިއެކީ ކުރީގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތުކުރާ އެތަށް މައްސަލައެއްވަނީ ޚާއްސަ އަހަންމިއްޔަތުކަމެއްދީގެން ބަލަންފަށާފައެވެ. މިގޮތުން ނަޖީބުގެ 6 ގެއެއްބަލައި ގިނަ އަދަދެއްގެ ގަހަނާއާއި ، އަތުކުރީގަޑއިއާއި، ޑިސައިނާ އަތްދަބަހާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންވަނީ ގެންގޮއްސައެވެ.