Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދާ ޙަވާލުކޮށްފި

އެމްޑީޕީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާފައެވެ. އެޕާޓީން ޕްރައިމަރީ ބާއްވާފައިވަނީ އެއީ ޣައިރު ޤާނޫނީ ޕްރައިމަރީއެއް ކަމަށް ނިންމައި އެ އިންތިޚާބު ހުއްޓުމަށް އަމުރުކޮށްފައި ވަނިކޮށެވެ.

ފުލުހުންނަށް ކޯޓުން އިންތިޚާބު ހުއްޓުވުމަށް ކުރި އަމުރަކާއި ގުޅިގެން ފުލުހުން ވޯޓް ފޮށިިތައް ބަހައްޓާފައިހުރި ތަންތަނުން ފޮށިތައް ފުލުހުންގެ ނެލުމުގެ ދަށަށް ގެންދިޔައެވެ.

ނަމަވެސް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން އެމްޑީޕީން ވަނީ އެމީހުންގެ ރިޔާސީ ޕްރައިމަރީ ބާއްވާފައިކަމަށް އެޕާޓީން ބުނެއެވެ.
އެގޮތުން ބޭއްވުނު ޕްރައިމަރީގައި 43،936 ވޯޓް ލިބިވަޑައިގެން މުހައްމަދު ނަޝީދު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ކަމަށް އެޕާޓީ އިން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. މާދަމާ އެ ކޮމިޝަންގެ ބައްދަލުވުމަކަށް ފަހު އެމްޑީޕީއަށް އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައިވެ އެވެ.

މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފްވަނީ ޕާޓީގެ ފަރާތުން ރައީސް ނަޝީދަށް ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފަ އެވެ. ސްރީލަންކާގައި ދިރިއުޅުއްވާ ރައީސް ނަޝީދުގެ ފަރާތުން ޓިކެޓާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު އަހުމަދު އަސްލަމް އެވެ.

ރިޔާސީ ޓިކެޓް ޙަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ މިވަގުތަށް ކުރަން ޖެހޭ މުހިންމު ދެތިން ކަމެއް އެބައޮތް ކަމަށެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ރައީސް ނަޝީދުގެ ކެމްޕެއިން ވަރުގަދަކޮށް ވަރަށް އަވަހަށް މުޅި ރާއްޖޭގައި ފަށަން ޖެހިއްޖެ ކަމަށެވެ.

ދެވަނަ ކަމަކަށް ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި އޭގެ ގިނަ މަރުހަލާތައް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މުޅި ރާއްޖޭގައި ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެން މި މަހުގެ ތެރޭގައި މެނިފެސްޓޯގެ ފުރަތަމަ ޑްރާފްޓް ނިންމާލެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މި މަހު 29 އަދި 30 ވަނަ ދުވަހު ކޮންގްރަސް ބާއްވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެ މަނިކުފާނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެން ކަމުން އެ މަނިކުފާނުގެ ކެންޑިޑެންސީ ބަލައި ނުގަނެވޭނެ ކަމަށާއި އެމަނިކުފާނު ބައިވެރިކޮށްގެން ޕާޓީގެ އެއްވެސް އެތެރޭގެ އިންތިހާބެއް ބޭއްވުން ވެސް މަނާވާނެ ކަމަށްވެސް އީސީ އިން ބުނެފައެވެ.