Last Updated: July 12, 18:50
Sunday, July 12, 2026
ދުނިޔެ

ނަޖީބްގެ ލޯޔަރުންގެ ޓީމްގައި އެމެރިކާގެ ކުރީގެ އޭޖީއެއް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރަޒަކްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި އޭނާގެ ދިފާޢީ ވަކީލުންގެ ގޮތުގައި އެމެރިކާގެ މަޝްހޫރު ވަކީލުންގެ ޓީމެއް އެކުލަވާލައިފި އެވެ.

މިގޮތުން ވަކީލުންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ބޭފުޅުންނަކީ ޖޯޖް ބުޝްގެ ދައުރުގައި އެޓާނީ ޖެނެރަލް (އޭޖީ) ގެ މަގާމު ފުރުއްވާފައިވާ ޖޯން އޭޝްކްރޮފްޓާއި ވަކީލު ޑޭވިޑް ބޮއެރ ހިމެއެވެ.

ނަޖީބުގެ ފަރާތުން އެމެރިކާގެ ވަކީލުންގެ ޓީމެއް އެކުލަވާލުން މެލޭޝިއާގެ ނޫސްތަކުން ސިފަކޮށްފައިވަނީ 1އެމްޑީބީ ކޮރަޕްޝަނުގެ މައްސަލައިގައި އޭނާ ޝާމިލުވާތީ ކުރިކަމެއްގެ ގޮތުގައެވެ.

1އެމްޑީބީ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތަކުގައި އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ޖަސްޓިސްއިން ވެސް ނަޖީބަށް ތުހުމަތުކުރިއެވެ. އެހެން ނަމަވެސް އެ ތަހުގީގު ކުރިއަށް ނުގެންދެވުނީ ނަޖީބް ބޮޑުވަޒީރަކަށް ހުންނެވުމުންނެވެ.

އެ ތަހުގީގާއި ގުޅޭ ބައެއް މައުލޫމާތު މީގެ ކުރިން އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ޖަސްޓިސް އިން އާއްމުވެސް ކުރިއެވެ. އެ މައުލޫމާތަކީ ނަޖީބްގެ ދަރި ރިޒާ އަޒީޒާއި ވިޔަފާރިވެރިޔާ ލޯ ތައެކް ޖޯއާއި ގުޅޭގޮތުން އާއްމުކޮށްފައިވާ މައުލޫމާތެވެ.

މެލޭޝިއާގައި އަލަށް އެކުލަވާލެވުނު ސަރުކާރުންވަނީ 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލަ ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ގެންދަމުންނެވެ. މިގޮތުން އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ޖަސްޓިސް ތަހުގީގަށްވެސް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުންދެއެވެ.