Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: މިއީ ނުވާ ވަރު ކަމެއް ނޫނެވެ!

ހިތަދޫއާއި އެއް ފަޅުގައި ވާ ކޯހެރަ، ކައްބޯހެރަ، ދީރޮނޑި، މާހެރަ އަދި ކުދު ، މާހެރަ ފޮޓޯ: އަލީ މާހިރު

އައްޑު އަތޮޅަކީ ރިސޯރޓުގެ ގޮތުގައި ތަރައްްޤީ ކުރާނެ ފަޅުރައްތައް މަދު އަތޮޅެއް ކަމަށް އެންމެންވެސް ބުނެއެވެ. ނަމަވެސް އަތޮޅުގައި ހުރި، މަދު ފަޅު ރަށް ތަކުގެ ބޭނުންވެސް އަތޮޅަށް ފައިދާ ހުރި ގޮތުގައި ނުކުރާތާގައި އެވާހަކަ ދައްކާ މީހަކުވެސް ނެތެވެ.

އައްޑުއަތޮޅުގެ ވެރިރަށް ހިތަދޫއާއި އެއް ފަޅުގައި ފަސް ވަރަކަށް ފަޅު ރަށް އެބައޮތެވެ. ކޯހެރަ، ކައްބޯހެރަ، ދީރޮނޑި، މާހެރަ އަދި ކުދު މާހެރަ އަކީ ހިކި ދިޔާގައި ހިނގާފައި އެއް ރަށުން އަނެއް ރަށަށް ދެވޭ ހިސާބުގައި ، ހިތަދޫއާއި އެއް ފަޅެއްގައިވާ ރަށްތަކެކެވެ. ދަށުން ފެން ދައުރުވާ ކަހަލަ ފާލަން ތަކަކުން މިފަސް ރަށް ގުޅާލުމަށް ފަހު "ގެސްޓް ހައުސް ސިޓީ" އެއްގެ ގޮތުގައި މިފަސް ރަށް ތަރައްޤީ ކުރެވިދާނެ އެވެ. މިރަށްތަކާއި ވަރަށް ކައިރީގައިވާ އީދިގަލި ކިޅި އާއި ކޯއްޓޭއަކީ ހިމާޔަތް ކުރެވިފައިވާ ގުދުރަތީ ސަރަހައްދެކެވެ. އެހެންކަމުން އީދިގަލި ކިޅިއާއި ކޯއްޓޭ ހިމެނޭގޮތައް، މިދެންނެވި ފަސް ރަށުގެ ސަރަހައްދު، "ގެސްޓް ހައުސް ސިޓީ" އެއްގެ ގޮތުގައި ބްރޭންޑް ކޮށް، ތަރައްޤީ ކުރުމަކީ އައްޑު އަތޮޅުގެ އިގްތިސާދަށާއި މުޅި ޤައުމުގެ އިގްތިސާދަށްވެސް ފައިދާ ހުރި ބިޔަ މަޝްރޫއަކަށް ވާނެއެވެ.

ދައުލަތުގެ ބަޖެޓުން މިމަސަތްކަތަށް ކުރަންޖެހޭނީ ވަރަށްވެސް ކުޑަ ޙަރަދެކެވެ. ދައުލަތުން ކޮށްދޭންޖެހޭނެހާ ވެސް ކަމަކީ މި ފަސް ރަށާއި ކޯއްޓޭ، ފާލަން ތަކަކުން ގުޅާލުމެވެ. ރިސޯރޓްތަކުގެ ފަޅު ތެރޭގައި ވޯޓަރ ބަންގަލޯ އެޅުމަށްޓަކައި ޢާއްމުކޮށް ހަދާ ކަހަލަ ލަކުޑި ފާލަން ތަކަކުން މި ރަށްތައް ގުޅާލެވޭނެއެވެ. މި ދެންނެވި ފާލަންތައް މަތީގައި ދަތުރުކުރަން ބޭނުން ކުރެވޭނީ ބެޓެރި ކާރު ނުވަތަ "ބަގީ" އެވެ.

މިގޮތަށް މި ސަރަހައްދު ތައްޔާރު ކުރުމަށްފަހު ގެސްޓް ހައުސްގެ ގޮތުގައި ކުއްޔަށް ދޭނެ ބިންތަކެއް ނުވަތަ "ޕްލޮޓް" ތަކެއް ކަނޑަ އެޅިދާނެއެވެ. ކޮންމެ ޕްލޮޓެއްގައި މަދުވެގެން ދިހަ ހާސް އަކަ ފޫޓު ހުންނަ ގޮތަށް، ކޮންމެ ޕްލޮޓަކާ އިންވެގެން ބީޗުން ތަންކޮޅެއް ހިމެނޭ ގޮތަށް މި ބިންތައް ބިޑަށް ލުމުން އަމިއްލަ ވިޔަފާރިވެރިން އިންވެސްޓް ކުރާނެއެވެ. ރެސްޓޯރެންޓް، ކެފޭ، ފިހާރަ، ބޭކަރީ، މިސްކިތް، ބޭންކް ފަދަ ތަންތަން ހަދާނެ ބިންތައް މިރަށްރަށުގެ ބީޗާ ދުރުން، ރަށުތެރެއަށް ވާގޮތައް ދޫކުރެވިދާނެއެވެ. މިދެންނެވި ބިންތަކުގައި ރެސްޓޯރެންޓް، ކެފޭ، ފިހާރަ، ބޭކަރީ، މިސްކިތް، ބޭންކް ފަދަ ތަންތަން ހަދާނީ އެކަންކަމަށް ކުރިމަތިލާ އަމިއްލަ ވިޔަފަރިތަކުންނެވެ. މުޅި މި މަޝްރޫއަށްވެސް ދައުލަތުން މާބޮޑު ހޭދައެއް ކުރާކަށް ނުޖެހޭނެއެވެ.

މިދެންނެވި ބީޗް ގެސްޓްހައުސްތައް ތަރައްްޤީ ކުރެވި އެސަރަހައްދަށް ފަތުރުވެރިން އައިސް މުޅި ސަރަހައްދުގެ އިޤްތިސާދު ހިނގައި ގަންނައިރު، މަދުވެގެން 1000 ވަރަކަށް ގެސްޓް ހައުސް ކޮޓަރި އެސަރަހައްދުގައި ހުންނާނެއެވެ. އެތަކެއް ކެފޭ، ރެސްޓޯރެންޓް، ފިހާރަ ފަދަ ތަންތަން ހުންނާނެއެވެ. މި ގެސްޓް ހައުސް ތަކަށް ފަތުރުވެރިން އައިސް ފުރުމުން އައްޑޫގެ "ގެސްޓް ހައުސް ސިޓީ" އެއޮތީ ފުރިހަމަ ވެފައެވެ. މިދެންނެވި ތަންތަން ހިންގަން ޖެހޭނީ ބަޖެޓް ޓްރެވެލާރސް އަށް އަމާޒުކޮށް، މަތިވެގެން 3 ތަރީގެ ފެންވަރަށެވެ. މިގޮތަށް ހެދުމުން މިސަރަހައްދުގެ ގެސްޓް ހައުސް ތައް ހުންނާނީ އަހަރުގެ ހުރިހާ މޫސުމެއްގައި ވެސް ގާތްގަނޑަކަށް ފުރިފަ އެވެ.

މި "ގެސްޓްް ހައުސް ސިޓީ" ގެ ފަތުރުވެރިން ބޭނުން ކުރުމަށް ޓަކައި، ކޯއްޓޭގެ "ރަނިން ހަނާ ފެންގަނޑާ" ދިމާލުންއަތިރި މަތީގައި އާރޓިފިޝަލް ބީޗެއް ހަދައި ތަރައްޤީ ކުރެވިދާނެ އެވެ. އަދި، އެސަރަހައްދުގައި ޑައިވިންގ ސެންޓަރަކާއި ވޯޓަރ ސްޕޯރޓްސް ސެންޓަރެއްވެސް ބިޑަށް ހުޅުވާލައިގެން ގާއިމް ކުރެވިދާނެ އެވެ.

މިގޮތުން ތަރައްޤީ ކުރެވޭ ކޯއްޓޭ އާއި އީދިގަލި ކިޅި ހިމެނޭ ސަރަހައްދުގެ މަގު ތަކުގައި ތާރު އަޅައި، ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް ތަރައްގީ ކުރަން ޖެހޭނެ އެވެ. މިސަރަހައްދު ވާންޖެހޭނީ، މާލޭ ވިލިނގިލި ފަދަ، އާއްމު ގޮތެއްގައި އިންޖީނުލީ އުޅަނދު ނުދުއްވާ ސަރަހައްދަކަށެވެ. މައިގަނޑު ގޮތެއްގައި ބޭނުން ކުރެވޭނީ ރިސޯރޓް ތަކުގައި ބޭނުން ކުރާ ކަހަލަ ބެޓެރީ-ބަގީ ކާރާއި ބެޓެރި ސައިކަލު ފަދަ ތަކެއްޗެވެ.

ކޯއްޓޭ، ކޯހެރަ، މާހެރަ، ކައްބޯހެރަ، ދީރޮނޑި ހިމެނޭ ސަރަހައްދުގައި "ގެސްޓް ހައުސް ސިޓީ" ތަރައްޤީ ކުރަމުންދާއިރު، ހަމަ އެއާ އެކުއެކީގައި، ގައުކެނޑި ސަރަހައްދުން، ލިންކްރޯޑާ އިންވެގެން، ބިން ހިއްކައިގެން، އާޓިފިޝަލް ބީޗެއް ހިމެނޭ ގޮތަށް، ސިޓީ ހޮޓަލެއް ގާއިމް ކުރަން ޖެހޭނެއެވެ. ހަމަ އެއާ އެކު، ހަންކެޑެ ސަރަހައްދުގައި ބީޗް ތަރައްގީ ކޮށް، ދިވެހިންނާއި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް، ބޮޑުސިންގާ ޕިކްނިކް ސަރަހައްދެއް ގާއިމްކުރެވެން ޖެހޭނެއެވެ.

އައްޑު އަތޮޅުގެ ހެރެތެރެ ރިސޯރޓާއި އެއް ފަޅެއްގައި "މުލިކެޑެ" ނަމަކަށް ކިޔާ ފަޅު ރަށަކާއި، މީދޫއާ އެއްފަޅުގައި ހިކަހެރަ ނަމަކަށް ކިޔާ ފަޅު ރަށަކާއި، އިސްމެހެލާ ހެރަ އެބައޮތެވެ. މި ރަށްތަކުގެ ތެރެއިން، އިސްމެހެލާ ހެރަ އަކީ މިހާރުވެސް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރެވެމުން އަންނަ ރަށެކެވެ. އިސްމެހެލާ ހެރަ ފަދައިން މުލިކެޑާއި ހިކަހެރަ ވެސް ރިސޯރޓް ތަރައްޤީ ކުރުމަށް ބިޑަށް ލާންޖެހެއެވެ. މިދެންނެވި ފަޅު ރަށް ތަކަށްވުރެ އަދި މާ މުހިއްމު ރަށެއް އައްޑު އަތޮޅުގެ މެދުތެރޭގައި އެބައޮތެވެ. އެއީ އެއްފަޅެއްގައި އޮތް ކަނޑި ހެރަ އާއި ކުދު ކަނޑިހެރަ އެވެ. އެއްރިސޯރޓްގެ ގޮތުގައި މިދެ ރަށް ބިޑަށްލައިގެން މަތީ ފެންވަރުގެ، އެކްސްކްލޫސިވް ޑައިވިންގް ރިސޯރޓެއް ގާއިމް ކުރަން ޖެހެއެވެ. ކަނޑި ހެރަ ސަރަހައްދަކީ ވަރަށް ރީތި ފަރު ތަކާއި ޝިޕްރެކް ޑައިވިންގ ޕޮއިންޓާއި، ގުދުރަތީ ޑައިވް ޕޮއިންޓްތައް ގިނަ ސަރަހައްދެކެވެ. ކަނޑިހެރަގެ ދެފަރާތުން 2 ކަނޑުއޮޅި އޮތުމުން މިސަރަހައްދުގެ ކަނޑު އަޑީގެ ރީތިކަން އިތުރުވެގެން ދެއެވެ. މިއީ މާލެ އަތޮޅު ވާދޫ ރިސޯރޓް ފަދައިން ތަރައްޤީ ކުރެވިދާނެ ރީތި ކުޑަ ރަށެކެވެ.

މާތީގައި ބަޔާން ކޮއްފައިވާ ފަތުރުވެރިކަމުގެ ތަރައްޤިގެ މަޝްރޫޢު ނިމޭ އިރު އައްޑު އަތޮޅުގައި ބޮޑުސިންގާ "ގެސްޓް ހައުސް ސިޓީ" އަކާއި އިތުރު 3 ރިސޯރޓް އޮނާނެއެވެ.

މިމަޝްރޫއާއި އެކުއެކީގައި ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޝެޑިއުލް ދަތުރުކުރާ އެއަރލައިންތައް ގިނަކޮށް، ހާއްސަކޮށް އެއަރ އޭޝިއާ އާއި ސިލްކް އެއަރ ފަދަ ބަޖެޓް އެއަރލައިން ތަކުގެ ޝެޑިއުލް ދަތުރުތައް ގަމަށް ފަށައި، ދުނިޔޭގެ އެކި ސަރަހައްދުތަކާ ގަމާ ވައިގެ މަގުން ގުޅާލަންޖެހެއެވެ. އެއާއެކު މުޅި އައްޑޫ ސިޓީގެ ފަތުރުވެރިކަން މެކުހަށްޖަހައި، އަތޮޅުގެ ރައްޔިތުންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތު އިތުރުވެގެން ގޮސް، ރައްޔިތުންގެ ފުދުންތެރިކަން ބޮޑުތަނުން އިތުރުވެގެން ދާނެއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ވެސް ބޮޑު ތަނުން އިތުރުވެގެން ދާނެއެވެ.

ކޯހެރަ، ކައްބޯހެރަ، ދިރޮނޑި، މާހެރަ، ކަނޑިހެރަ ފަދަ ރަށްތަކާއި، ކޯއްޓޭ ސަރަހައްދާއި، އީދިގަލި ކިޅި ހިމެނޭ ސަރަހައްދުން އަތޮޅަށާއި ޤައުމަށް މިފަދަ ބޮޑު ފައިދާ ލިބެން އޮވެމެ، އެކަން ނުކޮށް ދޫކޮށްލައިގެން ތިބުމަކީ ވެވޭ ބޮޑު އިޙުމާލެކެވެ. ވީމާ މި މަޝްރޫއު ވީހާވެސް އަވަހަކަށް ފެއްޓުމަކީ އަތޮޅާއި ޤައުމުގެވެސް ކުރިމަގާ ގުޅިފައިވާ ކަމެކެވެ. 2018ގެ ރިޔާސީ އިންތިހާބަށް ފޫގަޅައިގެން ތިބި ކެންޑިޑޭޓުން މިފަދަ ވާހަކަ ނުދައްކަނީ ކީއްވެގެން ބާއެވެ؟ ހަމައެކަނި ވާހަކަ ދައްކަންވީއެއް ނޫނެވެ! ކަންވެސް ކުރަންވީ އެވެ. މިއީ ނުވާވަރު ކަމެއް ނޫނެވެ.