މޯލްޑިވިއަންގެ ފްލައިޓަކުން މިރޭ ގަމުން މާލެ ފުރަން ދިޔަ ފަތުރުވެރިއަކާއި ބޯޓުގެ ކުރޫއަކާއި ދެމެދު ހަމަނުޖެހުން ހިނގައި ފަތުރުވެރިއާ ބޯޓުން ބާލައި ބޯޓު ފުރުވައިފިއެވެ.
މިރޭ 7:30 ގައި ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓުން ފުރަން ދިޔަ ބޭރުގެ ފަތުރުވެރިއާ އާއި ބޯޓު ކުރޫ އާއި ދެމެދު ޒުވާބު ހިނގައި ހަމަނުޖެހުން ހިނގާފައިވަނީ ކޮން ސަބަބާއި ހެދިކަމަށް މުޅިއަކުން ސާފެއް ނުވެއެވެ.
ނަމަވެސް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ ޕަސިންޖަރ މިހާ އަކީ ޝަންގްރިއްލާ ރިސޯޓްގެ ފަތުރުވެރިއެއް ކަމަށާއި، އޭނާ އަކީ ޑިޕޮލްމެޓިކް ޕާސްޕޯޓް ވެސް ހޯލްޑް ކުރާ މީހެއްކަމަށެވެ. އެގޮތުން އެއާޕޯޓްގެ ވީއަޕީ ލައުންޖުން މޯލްޑިވިއަންގެ ބޯޓާއި ހަމައަށް ބަހުގައި ދިޔައިރުވެސް ހުރީ ކޮންމެވެސް ސަބަބަކާއި ހެދި ރޯން ކަމަށެވެ. އަދި އޭނާ ބޯޓަށް އެރީ ވެސް ރޮއި ރޮއި ހުރެއެވެ.
"ބޯޓަށް އަރައި ބޯޓު ނައްޓާލަން އުޅުނު އިރުވެސް އޭނާ ހުރީ ސީޓްބެލްޓް ނާޅައި، އެހެން ހުއްޓާ ކުރޫ އޭނާއަށް ސީޓްބެލްޓް އެޅުމަށް އެންގުނު ގޮތުން ކަންނޭގެ އޭނާ ކުރޫއަށް ހަމަލާ ދިނީ، އެހެންވެ ޕައިލެޓް ބޮޓު އަބުރާލައި ޓާމިނަލް ކާރިއަށް އައުމުން ކުރޫ ބޯޓުގެ ދޮރު ހުޅުވާަލައި ފޭބުމާއި އެކު އަނެއްކާ ހަމަލާ ދިނީ"
އެއާޕޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުނީ އެ ޕެސިންޖަރު މީހާ ފުލުހުންގެ އެއީތެރިކަމާއި އެކު މިހާރު ޝަންގްރިއްްލާ އަށް ގެންގޮސްފައިވާކަމަށެވެ،
އައްޑޫލައިވްއަށް އެގިފައިވަ ގޮތުގައި ހަމަނުޖެހުން ހިންގާފައިވަނީ އަންހެން ފަތުރުވެރިއެކެވެ. އަދި ކުރޫއަކީ ވެސް އަންހެނެކެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖަރ މާކެޓިން އަލީ ނަޝާތު ވިދާޅުވީ ހާދިސާ އެއާޕޯޓް ސެކިއުރިޓީ އާއި ފުލުހުން މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށާއި އެއްޗެއް ބުނަން އެގޭނީ ރިޕޯޓް ލިބުމުން ކަމަށެވެ.