Last Updated: June 13, 09:22
Saturday, June 13, 2026
ޚަބަރު

އީސީސީ އަލުން ބިޑަށް ލަނީ

އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު(އީސީސީ): މިތަން އަލުން ބިޑަށް ލުމަށް ވަނީ ނިންމާފައި. ފޮޓޯ/ އެމްއެންޑިއެފް

ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ބިޑަށްލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ކައުންސިލާއި މިނިސްޓްރީއާ ދެމެދު މައުލޫމާތު ބަދަލުކުރަމުން އަންނަ ކަމަށެވެ.

އެހެންވެ ވަރަށް އަވަހަށް އީސީސީ ބައިނަލްއަގުވާމީ ޓެންޑާއަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން ވަނީ އީސީސީ ހިމެނޭ ސަރަހައްދުގައި މަދުވެގެން 100 ކޮޓަރީގެ ސިޓީ ހޮޓަލަކާ އެކު، އެތަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ލައިފަ އެވެ. އެ ފަހަރު، 17 ވަނަ ސާކް ސަމިޓް ބޭއްވި ބިޔަ އިމާރާތަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބީލަން ފޮތް ގަނެފައިވެ އެވެ.

ނަމަވެސް ބީލަން ހުށަޅަން ތައްޔާރުވަމުން ދަނިކޮށް ފެބްރުއަރީ ހަތެއްގައި ސަރުކާރު ބަދަލުވުމުން އެކަން ހުއްޓުނު ގޮތަށް ކުރިއަކަށް ނުދާ ކަމަށް ކައުންސިލުން ބުންޏެވެ.