Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

އެމްޑީޕީގެ އިސް ވެރިންނަށް ފިޔަވަޅު އަޅަން އެދެނީ

އެމްޑީޕީގެ ޕްރައިމަރީ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާްތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެދޭނެކަމަށް އިލެކްޝަން ކަމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ގާނޫނާއި ހިލާފަށް ނުބޭއްވުމަށް އެޕާޓީއަށް އަންގާފައިވަނިކޮށް ޕްރައިމަރީ ބޭއްވި މައްސަލާގައި އެޕާޓީ އާއި މެދު ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން މިއަދުގެ ބޭއްވި ކަމިޝަން ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް އަޅާނެ ފިޔަވަޅެއް ނުނިންމާކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ގާނޫނު ދިރާސާއަށް ފަހު ކަމަށެވެ.

އަކުރަމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެމްޑީން ޕްރައިމަރީ އިންތިޒާމް ކުރުމަށް އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް އެދުމަށް ފާސްކުރި ކަމަށެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީ ބާއްވައި 43،922 މެމްބަރުންގެ ތާއިދު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އޮތްކަން ދައްކައި ރިޔާސީ ޓިކެޓް ނަޝީދު އާއި ހަވާލުކޮށްފައެވެ.

ނަޝީދަކީ 13 އަަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ.