މިދިޔަ ބުރާސްފަތި ދުވަހު ހއ. އިންނަފޮނޮޅު ފަރުމައްޗަށް އުރުނު ބޭރުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބޯޓުން ގިނަ އަަދަދެއްގެ މަސްތުވާތަކެތި ފެނި އަދި ބައެއް މަސްތުވާތަކެތި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ލެއްގާފައިވަނިކޮށް ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ބޯޓުން 115 ކިލޯ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އޭގައި ތިބި އަށް މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ ބޯޓުގައި ތިބީ އިރާނުގެ 7 މީހަކާއި ޕާކިސްތާނު މީހެއް ކަމަށެވެ.
ޝިފާން ވިދާޅުވީ އެބޯޓުގައި ހުރި މަސްތުވާތަކެއްޗަކީ ރާއްޖެ އެތެރެ ކުރަން ގެނެސްފައި ހުރި މަސްތުވާތަކެތިކަމަށް ނުބެލެވޭ ކަމަށެވެ.
ބޯޓު ފަރަށް އަރާފައިވަނިކޮށް، އެބޯޓާއި ކައިރިއަށް އެމްއެެންޑީއެފްގެ ކޯސްޓުގާޑު ކައިރި ކުރުމުން ބޯޓުގެ ފަޅުވެރިން ވަނީ ބޯޓުގައި ރޯކޮށްލައި ކަނޑަށް ފުންމާލާފައެވެ. ބޯޓުގައި ރޯކުރުމާއި ގުޅިގެން ބޯޓުގެ ބައެއް އަނދާފައިވާއިރު އެބޯޓުގައި ހުރި ބައެއް މަސްތުވާތަކެތި ވަނީ ބެހިގެން އެހިސާބުގެ ރަށްތަކަށް ލައްގާފައެވެ.
ޝިފާން ވިދާޅުވީ ބޯޓުން ގެނައި މަސްތުވާތަކެތި އެއަތޮޅުގެ ފަސް ރަށަކަށް ލައްގާފައިވާކަމަށެވެ. އެގޮތުން 15.8 ކިލޯގެ މަސްތުވާތަކެތި އުލިގަމަށް ލައްގާފައިވާއިރު މޮޅަދޫއަށް 300 ގްރާމް ލައްގާފައިވާ ކަމަށެވެ. އިހަވަންދޫއަށް 380 ގްރާމް މަސްތުވާތަކެތި ލައްގާފައިވާ ކަމަށެވެ. އޭގެއިތުރުން ދެ ފަޅު ރަށަކަށް 4.2 ކިލޯގެ މަސްތުވާތަކެތި ލެއްގި ކަމަށެވެ.