މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގައި ރޭ ކުޅުނު ދެ މެޗު އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބޭރުމައްޗާއި ޒެލޯން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ބޭރުމަތި ނިކުތީ ސްކޫޕް ކަންމައްޗާ ދެކޮޅަށެވެ. މިމެޗު ބޭރުމަތި ޓީމުން ކާމިޔާބުކުރީ 2-6 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ދެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމުން ވެސް ވަނީ ކޮންމެ ޓީމަކަށް މިހާފުގައި ދެ ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފު 2-2 އިން އެއްވަރުވެގެން ނިމިފައިވާއިރު ބޭރުމަތި ޓީމުން ދެވަނަ ހާފަށް ނިކުތީ އާ ޖޯށަކާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ހާފިޒް ވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖަހައި، ނަތީޖާ 2-4 އަށް ބަދަލުކޮށްފައެވެ.
އަދި ޓީމުގެ ކެޕްޓަން ސިނާހްގެ އިތުރު ލަނޑަކާއެކު މެޗުގެ ފަހު 10 ވަރަކަށް މިނެޓު ބޭރުމަތިން ކުޅުނީ ފަސޭހަ ލީޑެއްގައި އޮވެގެންނެވެ. މެޗު ނިމެން ކައިރި ވެފައިވަނިކޮށް ބޭރުމަތީގެ ހަވަނަ ލަނޑު ޖަހާފައިވަނީ މުހައްމަދު ސާޖިދެވެ.
ސްކޫޕުގެ ދެ ލަނޑުވެސް ފުރަތަމަ ހާފުގައި ޖަހާފައިވަނީ ޝަހީމް އަބްދުލްގާދިރެވެ. ބޭރުމައްޗަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާދިނީ ހަސަން މިފްރާހް އަދި އިބްރާހިމް ސިނާހުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޭރުމަތި ޓީމުގެ ޖާޒީ ނަމްބަރު 9، އަލީ ހާފިޒްއެވެ.