މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018 ގައި ރޭ ކުޅުނު ދެވަނަ މެޗު ޑީސީ ޖޫނިއާސް ބަލިކޮށް ޒެލޯން ކާމިޔާބުކޮށްފިއެވެ.
މިމެޗު ޒެލޯން އިން 1-6 އިން ކާމިޔާބުކޮށްފައިވާއިރު ރޭގެ ބައްޔާއެކު ޑީސީ ޖޫނިއާސް ވަނީ މުބާރާތުން ކަޓާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ޒެލޯން އިން ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު މި ލަނޑު ޖަހާފައިވަނީ ހަސަން އަތޫފްއެވެ.
އޭނާގެ ލަނޑަށް ފަހު ފުރަތަމަ ހާފުގައި ޒެލޯންގެ ކެޕްޓަން ހަސަން ޝިއުސް ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.
ފުރަތަމަ ހާފު 0-3 އިން ޒެލޯން ކުރީގައި އޮވެ ނިންމާލާފައިވާއިރު ފަހު ހާފުގައި އިތުރު ތިން ލަނޑު އެޓީމުން ވަނީ ޖަހާފައެވެ. އަތޫފް އަދި ވާޒިއު ޒެލޯންގެ ލަނޑުތައް ކާމިޔާބުކޮށްފައިވާއިރު މެޗު ނިމެން ކައިރި ވެފައިވަނިކޮށް ޑީސީގެ ހަމައެކަނި ލަނޑު ޖެހީ އެޓީމުގެ ކެޕްޓަން، އަހުމަދު ހާމީ ނަޖާހު އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒެލޯންގެ ކެޕްޓަން އަދި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖާޒީ ނަމްބަރު 7، ހަސަން ޝިއުސްއެވެ.