Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ލައިލަތުލް ގަދުރި ވިލޭރޭ ހޯދަން ކިޔާނެ ދުއާއަކީ ކޮބާ؟

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. މިއީ ސަވާބާއި ދަރުމައިން ފުރިގެންވާ ދުވަސްތަކެވެ. މިއީ އަޅުގަނޑުމެން ގަދައަޅައި ލައިލަތުލް ގަދުރީގެ ސަވާބު ލިބިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންވެ މިދުވަހުގެ ސަވާބާއި ދަރުމަ ހޯދުމަށް ވަގުތު ނަގާނުލައި މަސައްކަތް ކުރަމާ ހިނގާށެވެ.

ސުވާލު: މިއަންނަ ރަމަޟޯން މަހުގެ ރޭގަނޑުގެ ވަގުތުގައި އަދި ޙާއްސަކޮށް ލައިލަތުލް ގަދުރި ވިލޭރޭ ހޯދުމަށް ކިޔާނެ ރަނގަޅު ދުޢާއެއް ބުނެދީބަލާށެވެ؟ އަދި ހަމަ އެހެންމެ ތިމާ ބޭނުންވާ ކަމަކަށް އެދި ރޯދަމަހުގެ ހުރިހާ ރެއަކު ދުޢާއެއް ގަނޑެއްގައި ލިޔެގެން ކިއުމަކީ ރަނގަޅުކަމެއްތޯއެވެ?

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ލައިލަތުލް ގަދްރި ވިލޭރޭ ކުރުމަށް އެންމެ ރަގަޅު ދުޢާ އަކީ (اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ) މާނައަކީ: “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ފާފަ ފުއްސެވުމަށް ލޯބި ކުރައްވާ އިލާހެވެ. މިއަޅާގެ ފާފަތައް ފުއްސަވާ ދެއްވާފާންދޭވެ”. މިއެވެ.

ރޯދަ މަހުގެ ހުރިހާ ރެއަކު ކިޔުމަށް ގަނޑެއްގައި ލިޔެގެން ދުޢާ އެއް ގެންގުޅުމަކީ މައްސަލަ އެއް ނޫނެވެ. އެމީހަކު ބޭނުން ދުޢާ އެއް ކުރަންވީއެވެ. ބޭނުން ބަހަކުން ދަންނަވަންވީއެވެ.ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) البقرة/186. މާނައީ: “އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ”.

ރަމަޟާންމަހަކީ ހެޔޮ ކަމުގެ މައްސަރެވެ. އެމަހުގެ ހެވާއި، ލާބަ، ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޢަޒުމް ކުރައްވާށެވެ. ޓީވީ ޕްރޮގްރާމްތަކަށް ހެއްލި ވަގުތުތައް ބޭކާރުކޮށް ނުލައްވާށެވެ. والله أعلم.

ޖަވާބު ދެއްވީ:އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް