Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

"ސިއްރު ހެކި އާއްމު އުސޫލަކަށްވީ ކަންކުރި ގޮތުން"

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން، ފޮޓޯ: ސަން

ސިއްރު ހެއްކާއި، ސިއްރު ރިޕޯޓު ބޭނުން ކުރުމާއި ބަލައިގަތުމުގައި އުސޫލްތަކެއް ގާއިމްކުރި ނަމަ މިއަދު އެއީ ހުކުމް ކުރުމުގައި ބަލައި ގަންނަ އެއްޗަކަށް ނުވީސް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

އަހުމަދު ފާއިޒުގެ ފޭސްބުކު ސްޓޭޓަސްގައި ވިދާޅުވީ ސިއްރު ހެއްކާ ގުޅޭ އުސޫލުތަކެއް ސުޕްރީމް ކޯޓުން އޭރު ކަނޑައެޅި ނަމަ ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބޭނުން ކުރުން އާންމު ކަމަކަށް ވެގެން ނުދިޔައީހެވެ.

"ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި ރިޕޯޓް ބަލައިނުގަތް ނަމަ ނުވަތަ ލިމިޓެއް ކަނޑައެޅި ނަމަ މިއަދު ޖިނާއީ މައްސަލަ ސާބިތު ކުރުމުގެ އާންމު އުސޫލަކީ ސިއްރު ހެއްކާއި ރިޕޯޓްގެ ގޮތުގައި ވެގެން ނުދިޔައީހެވެ،" ފާއިޒް ވިދާޅުވި އެވެ

ހަތަރު އަހަރު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފާއިޒު މިފަދައިން ވިދާޅުވި އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ ޝަރީއަތުގެ މަޖްލިސްގައި ސިއްރު ހެކިއާއި ދެކޮޅަށް ވަނީ ގިނަ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ޝަރީއަތުގައި ވިދާޅުވީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫންކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ މަގާމުގައި ހުންނަވަނިކޮށް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބް ބާޠިލް ކުރުމަށް ޖުމްހުރީ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލަ ބާޠިލްކޮށްފައިވަނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިތަކުގެ މައްޗަށެވެ.