ކުރީގެ ކަމިޝަން އޮފް ޕޮލިސް އަހުމަދު އަރީފް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއެވެ. ނަޖުމާ އާއި އަޒްމީގެ މައްޗަށް ދައުލަތުން ކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ބުނީ ނަޖްމާ އާއި އަޒްމީގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އާލާސްކަންފުޅާއި އުޅުއްވާތީކަމަށެވެ. ނަމަވެސް އަރީފްގެ މައްސަލަ ކެންސަލް ކުރި ސަބަބެއް ނުބުނެއެވެ.
އަރީފުގެ އަޑުއެހުން ތާވަލުކުރުމަށްފަހު މިއީ ކެންސަލްކުރި ދެވަނަ ފަހަރެވެ.
ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަރީފުގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން އަރީފު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަގާމުގެ ނުފޫޒުން ކަމަށެވެ.
ދައުވާގައި އިތުރަށް ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެ ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން އަރީފު އުޅުނު ކަމަށެވެ.