Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އަރިހަށް ޔާމީންގެ މަންދޫބެއް

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އަރިހަށް ރައީސް އަބްދުﷲ ޔާމީން މަންދޫބަކު ފޮނުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުގައި މައުމޫނުގެ އަރިހަށް ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މައުމޫނު ހަމީދު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މައުމޫން ވަނީ ޖަލުގެ ހާލަތުގެ ގުޅޭ ކަންބޮޑުވުންތައް އާދަމް ޝަރީފާއި ހިއްސާކުރައްވާފައެވެ.

އަދި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބި މައުމޫނުގެ ޝަރީއަތްތައް ހިނގާ ގޮތުގެ ކަންބޮޑުވުންތަކާއި ރަސްމީ އިދާރާތަކުން ރައީސް މައުމޫނާއި ދޭތެރޭ ކަންތައްތައް ކުރަމުން ދާ ގޮތުގެ ކަންބޮޑުވުންތައް ވެސް އެމަނިކުފާނު ހިއްސާކުރެއްވި ކަމަށް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.

މިއީ މައުމޫނުގެ އަރިހަށް ރައީސް ޔާމީން މަންދޫބަކު ފޮނުއްވި 2 ވަނަ ފަހަރެވެ. ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައި ރައީސްގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މައުމޫނާއި ބައްދަލުކުރެއްވިއެވެ.