Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ވަގުތު އޮއްވާ އެއް ކެނޑިޑޭޓަކު ނެރޭ: މަހުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް - ފޮޓޯ: މިހާރު

ވަގުތު އޮއްވައި އިދިކޮޅު އިއްތިހާދުން ކޮމަން ކެނޑިޑޭޓަކު ނެރުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

މަހުލޫފް މިހެން ގޮވާލައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ 11 މަހަށް އޭނާ ޖަލަށްލީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރުމުން ކަމަށެވެ. އަދި 17 އަހަރަށް ޖަލަށްލާން މިހާރު އެ އުޅެނީ އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން އަމުރު ތަންފީޒުކުރުމަށް މުޒާހަރާކޮށްގެން ކަމަށެވެ.

މަހުލޫފް ވިދާޅުވީ ހަތަރު އަހަރު މަސައްކަތް ކުރީ، ލީޑަރުންނަށް ކެނޑިޑެންސީ ޔަގީންކޮށްދޭން ކަމަށާއި، އަދިވެސް އެ މަސަައްކަތް ކުރާނެ ކަމަށެވެ. އަދި މިއަދު އޭނާގެ އެދުމަކީ ވަގުތު އޮއްވާ ލީޑަރުން ގޮތެއް ނިންމެވުން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭނަމަ ތާޢީދު ކުރައްވާނީ ރައީސް ނަޝީދަށް ކަމަށެވެ.

އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންފިނަމަ ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރައްވައި، ދެވަނަ ބުރުގައި ކޯލިޝަން ހެއްދެވުމަކީ މައްސަލައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.. އަދި ވަކިވަކިން ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ޙާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއް ނެރޭއިރު، ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ބޭފުޅަކު އަދި ނައިބު ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ގެނައުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އެކި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ގޮވައިގެން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވުމުން ރައީސްކަމުގެ މަޤާމަށް ގުޅިފައިވާ ޕާޓީތަކުން ނެރެން އެންމެ ރަނގަޅުކަމަށް މަހުލޫފަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްކަމަށް ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.