ގުއާޓެމާލާގެ ފުއޭގޯ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ އިއްޔެގައިި ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.
ގުއާޓެމާލާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ތިން ކުއްޖަކުވެސް ހިމެނޭ ކަމަށާއި 300 ވަރަކަށް މީހުން ވަނީ ޒަހަމްވެސް ވެފައެވެ.
ގުއާޓެމާލާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނީ މީހުން މަރުވުމާއި މީހުން ޒަހަމްވީ އެ ފަރުބަދައިގެން ފޭބި ވިރިކެކޭ ހިލައިގެ ސައިލެއް މީހުން އުޅޭ ރަށަކާ ހިސާބަށް ދެމިގެން ދިއުމުން ކަމަށެވެ.
އަލިފާން ފަރުބަދަ ގޮވަމުން ދާތީ ގުއާޓެމާލާ ސަރުކާރުން ވަނީ އެތައް ސަރަހައްދަކުން މީހުން ހުސްކޮށް ވެރިރަށުގެ ލަ އަރޯރާ އެއާޕޯޓް ބަންދު ކޮށްފަ އެވެ. އެ ޤައުމުގެ ރައީސް ޖިމީ މޮރާލްސް ބުނީ ކުއްލި ހާލަތުގައި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ލަފާ ކުރެވޭ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ އަސަރު މިލިޔަނެއްހާ މީހުންނަށް ކޮށްފައިވެއެވެ.