Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އިންތިހާބީ ފޯރި ގަދަވާތީ ސަމާލު ވާން ޖެހޭ: ރައީސް

ކޮންމެ ރަށެއްގައި ވެސް އިންތިޚާބުގެ ފޯރި ހިފަމުންދާ އިރު، ރަށުގެ ސަލާމަތާއި ހަމަޖެހުމުގެ މައްޗަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، މ. މުއްޔަށް އިއްޔެ ވަޑައިގެން، މުލީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންތިޚާބުގެ ދުވަސްވަރު ވާދަވެރި ވާހަކަތައް އިވި، ތަފާތު ކުލަކުލަ ފެނި، ތަފާތު އަޑުތައް އުފުލަމުން ދާނެ ކަމަށާއި، އެހެން ނަމަވެސް، ރަށްރަށުގައި ހަމަނުޖެހުން އުފެދި، ރައްޔިތުންނަށް އާދައިގެ ދިރިއުޅުމެއް ނޫޅެވޭ ވަރަށް ކަންތައްތައް ގެންގޮސްގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ޤައުމު މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައިކަން ބަޔާން ކުރައްވަމުން، މި ވޭތުވެ ދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ އާދަޔާޚިލާފު މަންޒަރުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވޭތުވެގެން ދިޔައީ އަޑިގުޑަން ދުވަސްތަކެއް ކަމަށް ވިޔަސް، ވަރަށް ހިތްވަރާ އެކު މަސައްކަތް ކޮށްގެން، ކޮންމެވެސް ވަރެއްގެ އަމާން ކަމެއް މިހާރު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް، ޤައުމުގެ ސިޔާސީ މަސްރަޙު އޮތް ގޮތުން، އަނެއްކާ ވެސް އަޑިގުޑަން ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވެ، ހޭލުންތެރިވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އަމާންކަމާއި އޮމާންކަ އެކު ޤައުމުގެ ކަންކަން ގެންދެވުމަށް ކަމަށާއި، އިންޞާފުވެރި، ޢަދުލުވެރި އިންތިޚާބެއް ބޭއްވެވުމަށް ކަމުގައި ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެންމެންނަކީ ވެސް މުސްލިމް އަޚުންނާއި އުޚުތުންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސިޔާސީ ސަބަބުތަކަށްޓަކައި ޢާއިލާގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެ އެވެ. އަދި އިސްލާމީ އުޞޫލުގެ ތެރޭގައި ކަންކަން ކުރަމުން ގެންދާ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހި ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ފިކުރު ބޮޑުވާން ނުޖެހި، ޞުލްޙަވެރިކަމާ އެކު ޤައުމަށް ކުރިއަށް ދެވޭނެ އެވެ.