މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް މާދަމާ ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ޓީވީއެމް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާާޅުވީ އިންތިޚާބާ ބެހޭ އިދާރީ މަސައްކަތްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި އިންތިޚާބަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ހެނދުނު 11:00 ގައި ބާއްވާ އިރު، އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކާއި ކަމާ ގުޅޭ މުއައްސަސާތައް ހިމެނިގެން ބާއްވާ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މާދަމާ އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއްވެސް އޮންނާނެކަން ހާމަކުރައްވަމުން އަކްރަމް ވިދާޅުވީ އެ ބައްދަލުވުމުގައި މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ކަނޑައަޅާނެ ކަމަށެވެ. އަދި އެ ކަނޑައެޅުމަށް ފަހުގައި ވީހާވެސް އަވަހަކަށް އެދުވަސް އިއުލާނު ކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ކުރިންވެސް ރާވާފައިވާ ގޮތަށް އަންނަ ޖުލައިމަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ހުޅުވާލާނެ ކަަމަށާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިޚާބު އޮންނާނެ ކަމަށެވެ. އަދި ވޯޓާސް ލިސްޓު މި ޖޫންމަހުގެ ތެރޭގައި އާއްމުކޮށް، ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ ރަނގަޅުކޮށްލަން ޖެހޭ ކަމަށް ކުރީ އިންްތިހާބުން ފާހަގަވެފައިވާ ކަންއްތައްތައް ވެސް މިހާރު ވާނީ ރަނގަޅުކޮށްފައި ކަމަށެވެ.
"ރާއްޖޭގައި އިންތިހާބުތައް ބާއްވަން ފެށިފަހުން އެންމެ ފުރިހަމަ ވޯޓާސް ލިސްޓެއް ނުކުތް ކަމަށް މިވަނީ ފާއިތުވި ލޯކަލް ކައުންސިލް އިންތިހާބުގައި. އިރާދަކުރެއްވިއްޔާ މި އިންތިހާބުގެ ވޯޓާސް ލިސްޓް ވެގެން ދާނީ މި ނިމުނު އިންތިހާބުގެ ވޯޓާސް ލިސްޓަށް ވުރެވެސް ފުރިހަަމަ ވޯޓާސް ލިސްޓަކަށް،" އަކުރަމް ވިދާޅުވިއެވެ.