މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަސް މިއަދު ވަނީ ކަނޑައަޅުއްވާފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުން އަންނަ ބުރާސްފަތި ދުވަހު އާންމު ކުރާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބޭއްވެވި ބައްދަލްވުމާއި ގުޅޭގޮތުން ވިދާޅުވީ އިންތިޚާބު ބާއްވާނެ ދުވަސް މިއަދުގެ ބައްދަލްވުމުގައި ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ކޮމިޝަނުން އެ ނިންމުން އާންމުކުރުން ބުރާސްފަތި ދުވަހަށް މަޑުޖައްސާލާފައިވާކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
އެގޮތަށް ނިންމަވާފައިވަނީ އަންނަ ބުރާސްފަތި ދުވަހު ގައުމީ ލަފާދޭ ކޮމެޓީ އާއި ސިޔާސީ ޕާޓީތަކާ އެކު ބައްދަލްވުމެއް ބާއްވަން ނިންމާފައިވާއިރު، އެކަން އިއުލާނުކުރުން އެ ބައްދަލްވުމުގެ ތެރޭގައި ކުރިއަށްގެންދާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހެއެވެ. މިގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް އިއުލާނުކޮށް އިންތިޚާބު ބާއްވަން ޖެހެނީ ޖުލައި 23 ގެ ފަހުން އޮކްޓޫބަރު 10 އާއި ދެމެދުގައެވެ.