ސަރުކާރުގެ ތަންތަނުގެ މުދާ ރައްކާތެރިކޮށް، މަރާމާތު ކުރަން ޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލު ކަމެއް ދެއްވުމަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް އެ ކަމަށް އިލްތިމާސް ކުރެއްވީ، އެ މަނިކުފާނު މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެ އަތޮޅު ދިއްގަރަށް ވަޑައިގެން، ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އެރަށްރަށަށް ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް އެބަހުރި ކަމަށާއި، އެހެން ނަމަވެސް، އެ އިންވެސްޓްމަންޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގައި ކުރަންހުރި މަރާމާތުތައްކޮށް، އެތަންތަން ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ މުހިންމުކަން ބޮޑުކަމާއެކު، މި އަހަރުގެ ބަޖެޓް ތައްޔާރު ކުރެއްވުމުގެ މަސައްކަތާއި އަދި ބަޖެޓްގެ ސިޔާސަތުތައް ކަނޑައެޅިގެން އައިއިރު، އެތަންތަން މަރާމާތު ކުރުމަށް ބަޖެޓްގައި ފައިސާ ހިމެނުއްވި ކަމުގައި ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ބަޖެޓް ހަމަޖެހިގެން އައި އިރު، މަރާމާތު ކުރުމަށްޓަކައި އެއްވެސް ފައިސާއެއް ބަޖެޓްގައި ހިމެނިފައި ނެތް ކަމުގައި ރައީސް ވިދާޅުވި އެވެ. މިފަދަ ޢިމާރާތްތައް މަރާމާތު ނުކުރެވުމުގެ ޝަކުވާ، ހުރިހާ ރަށަކުން ވެސް ލިބިވަޑައިގަންނަވާ ކަމަށާއި، އެހެންވީމާ، ބަޖެޓަށް ފައިސާ ހޯދައިގެން، ނުވަތަ އެހެން ފަރާތް ފަރާތުން ފައިސާ ހޯދައިގެން ނަމަވެސް، މިކަން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަން ނުކުރެވޭ ނަމަ، ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.