Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވެމްކޯގައި ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ވަގުތު (ޖިމީ މުހައްމަދު)

ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓުގެ ތެރޭގައި މިއަދު ހުޅުވައިފި އެވެ.

އެ ލެބަކީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އިން ހަދިޔާކުރި ލެބެކެވެ.

އެ ލެބު މިއަދު ހުޅުވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓާ ތޯރިގް އިބްރާހިމްއެވެ. ލެބް ހުޅުވައިދިނުމަށް ފަހު ލެބުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މިނިސްޓަރަށް ވެމްކޯގެ އޮފިޝަލުން ކިޔައިދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކަކީ ކަނޑުތަކާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންދޭ އެއްޗަކަށްވުމުން އެ ބޭނުންކުރާ އަދަދު މަދުކޮށް ރިސައިކަލް ކުރަން ޖެހޭ ކަމަށެވެ.

އަދި މިއަދު ހުޅުވުނު އެ ލެބުން، ޕްލާސްޓިކް ރިސައިކަލް ކުރުމާ ބެހޭ މައުލޫމާތު ސްކޫލުތަކަށް ވެސް ދެވޭނެ ކަމަށާއި އޭގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި ރިސައިކަލް ކުރަން ދަރިވަރުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ އެ ލެބު ބޮޑަށް ބޭނުން ކުރާނީ ތައުލީމީ ގޮތުން ދަރިވަރުން ހޭލުންތެރިކުރުވައި ރިސައިކަލް ކުރާނެ ގޮތް ދަސްކޮށްދިނުމަށް ކަމަށެވެ.

މިހާރު ވެސް ރާއްޖޭގެ 45 ސްކޫލެއްގައި ދަރިވަރުން ޕްލާސްޓިކް އެއްކުރަމުން އަންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ޕްލާސްޓިކްތައް ރިސައިކަލް ކުރަން ޕާލޭއިން ގެންދަނީ ރާއްޖޭން ބޭރަށް ކަމަށެވެ.

މިއަދު ހުޅުވި ލެބަކީ 100 ކިލޯ އަދި 500 ކިލޯއާއި ދެމެދުގެ އަދަކަށް ޕްލާސްޓިކް ރިސައިކަލް ކުރެވޭ ލެބެކެވެ.

ރިސައިކްލިން ލެބުގައި މިހާރު ހުރީ އެންމެ އާދައިގެ ދެ ތިން މެޝިން ކަމަށްވިޔަސް، ކުރިއަށް އޮތް ތަނުގައި އިތުރު މެޝިން ހަދިޔާކުރަން ޕާލޭން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.

އެ ތަނުގައި ހުރި މެޝިނުން ތައްޓާއި ފޯނު ކަވަރާއި ގަސް މުށި ފަދަ ތަކެތި މިހާރު ހެދޭނެ އެވެ.

ޕްލާސްޓިކް މަދު ކުރަން ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ޕްލާސްޓިކް އެއްކޮށްގެން ވެމްކޯގައި ހުންނަ ލެބަށް ގެނެސްދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ.