Last Updated: July 27, 18:03
Tuesday, July 28, 2026
ކުޅިވަރު

ޔުނައިޓެޑަށް ޝާކްތާރުގެ ފްރެޑް ސޮއިކޮށްފި

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ޔުކްރެއިންގެ ޝާކްތާރު ޑޮނެސްކްގެ މިޑްފީލްޑަރު ފްރެޑް ސޮއިކޮށްފިއެވެ.

ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމަށް އެއްބަސްވެފައިވާ ކަން ޔުނައިޓެޑުގެ ސޯޝަލް މީޑިޔާ އެކައުންޓު ތަކުން އިއުލާން ކޮށްފައިވާއިރު ޔުނައިޓެޑަށް ފްރެޑް ގެންގޮސްފައިވަނީ 52 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ޚަބަރު ލިބެއެވެ.

މި ޓްރާންސްފާ ވިންޑޯގައި މޮރީނިއޯ ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް ފްރެޑް ވެފައިވާއިރު ޓްރާންސްފާ ވިންޑޯ ފެށުނީއްސުރެ ފްރެޑް ޔުނައިޓެޑާއި ގުޅެން އުޅޭ ކަމުގެ އަޑު ދިޔައީ ފެތުރެމުންނެވެ. އަދި މިދިޔަ ހަފްތާގައި އިނގިރޭސި އިތުބާރުހުރި ނޫސްތަކުން ވަނީ ޔުނައިޓެޑާއި ޝާކްތާރާ ދެމެދު ފްރެޑްއާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

މީގެ އިތުރުން ޕޯޓޯގެ 19 އަހަރުގެ ޑިފެންޑަރު، ޑިއޭގޯ ޑެލޮޓް ވެސް ޔުނައިޓެޑަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ކުރިއަށް ދާ ކަމަށް ޚަބަރު ލިބެއެވެ. އަދި ރެއާލް މެޑްރިޑްގެ ގެރެތް ބޭލްވެސް މެން ޔުނައިޓެޑަށް ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.