Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މާލޭގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަނީ

ޑަސްބިން ބެހެއްޓުމުގެ ޕްރޮގްރާމް ފެށުން – ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އަޖުމަބެލުމުގެ ގޮތުން "ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން މާލޭގެ މަގުތަކުގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަން ނިންމާފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ކުނި އަޅާނެ ޑަސްބިން މަގުތަކުގައި ނެތުމުގެ ޝަކުވާ އާއްމުން ކުރަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަގުތަކާއި ގޯޅިތަކުގައި ޑަސްބިން ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އެއީ މާލޭގެ މަގުތަކަށް ޚާއްސަ ކުދި ޑަސްބިންތަކެކެވެ. އެ ޑަސްބިންތައް ހަރުކޮށްފައި ހުންނަނީ ދުވާރުގެ ބޭރު ފަރާތުގައި ހުންނަ ދަގަނޑު ހޮޅިއެއްގަ އެވެ.

ޕްރޮޖެކްޓްގެ ދަށުން ޗާންދަނީ މަގުގެ 3 ސަރަހައްދެއްގައި ވަނީ ޑަސްބިން ބަހައްޓާފައެވެ. އެގޮތުން އިސްކަންދަރު ސްކޫލު އަދި އަމީނިއްޔާ ސްކޫލު ކުރިމަތީގައި ވަނީ ޑަސްބިން ބަހައްޓާފައެވެ. އެއީ ޕްލާސްޓިކާއި އާއްމު ކުނި އެޅުމަށް ވަކި ދެ ޑަސްބިނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަދު ފާހަގަ ކުރާ އިރު، ތިމާވެއްޓާ ދޭތެރޭ ވިސްނައި ކުނި އުފައްދާ މިންވަރު މަދުކުރަން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ޕްލާސްޓިކް މަދުކުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މާލެ ސާފުތާހިރު ތަނަކަށް ހެދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި މިކަން ކާމިޔާބުވެއްޖެ ނަމަ ސިޓީތަކުން ފެށިގެން ރަށްރަށުގައި ވެސް ޑަސްބިން ބެހެއްޓޭނެ ގޮތް ހެދިގެން ދާނެ ކަމަށެވެ.

އެ ރަސްމިއްޔާތަށް ފަހު އެންވަޔަރްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ މީގެ ކުރިން ވެސް މާލޭގެ އެކި ހިސާބުތަކުގައ ޑަސްބިން ބެހެއްޓި ކަމަށާއި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަށް ނުގެންދެވުނު ކަމަށެވެ.

އެހެންވެ މި ފަހަރު ވަނީ އެ އެއްޗެހީގެ މަތީގައި ހަރުކޮށްފައިވާ ބޯޑުގައި އިސްތިހާރު ކުރެވޭނެ ގޮތް ހަމަޖައްސާފަ ކަމަށްވެސް އާމިރު ވިދާޅުވި އެވެ.

މީގެ އިތުރުން އާމިރު ވިދާޅުވީ އެ ޑަސްބިންތައް ބަލަހައްޓާނީ ވެމްކޯއިން ކަމަށާއި ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓައި ނިމޭނެ ކަމަށެވެ.