Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

މޯލްޑިވިއަންގައި ދެން ބޭނުން ކުރާނީ ކަރުދާސް ތަށި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރަން މޯލްޑިވިއަން އިން ބޭއްވި ހަފްލާ - ފޮޓޯ: މޯލްޑިވިއަންަަ

އައިލެންޑް އޭވިއޭޝަންގެ ދަށުން ދޭ ޚިދުމަތްތައް ތިމާވެއްޓާ ރައްޓެހިކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކަރުދާސް ތަށި ބޭނުންކުރަން އެ ކުންފުނިން ނިންމައިފި އެވެ.

މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހާއި އައިލެންޑް އޭވިއޭޝަނުން ވަނީ ޕްލާސްޓިކް މަދުކޮށް، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމަށް ދުނިޔޭގެ ފެންވަރުގައި ފަށާފައިވާ ހަރަކާތްތަކަށް ހިއްވަރުދިނުމުގެ ގޮތުން އަންނަ އަހަރުގެ ނިޔަލަށް ހަތަރު ކަމެއް ކުރުމަށް އަޒުމް ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި އެއާޕޯޓްގައި ސޯލާ ޕެނަލް ބެހެއްޓުމާއި ކުންފުނީގެ ބޭނުންތަކުގައި ރީސައިކަލްކުރެވޭ ސާމާނު ބޭނުންކުރުމުގެ އިތުރުން އެއާޕޯޓާއި އެ ކުންފުނީގެ އޮފީސްތަކުގައި ލެޑް ލައިޓް ހަރުކުރުން ވެސް ހިމެނެ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި މޯލްޑިވިއަންގެ ފްލައިޓްތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ތަށި ސަމްސާ ގިނަ އަދަދަކަށް ބޭނުންކުރާ ފްލައިޓްތަކަކަށް ވާތީ، އެއާލައިންގެ ފްލައިޓްތަކުގައި ކަރުދާސް ތަށި ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ޕްލާސްޓިކް މަދުކުރަން ފަށާފައިވާ ކެމްޕޭނަށް އެ ކުންފުނިން ދެވޭނެ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އައިއޭސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެ ކުންފުނީގެ އޮފީސްތަކުގައި ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.