މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ ދޭ މައުލޫމާތުގެ މައްޗަށް ބަލައި، އާއްމުކޮށްފައިވާ ރާއްޖޭގެ އެންމެ ގިނައިން ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބިފައިވާ ރިސޯޓްތަކުގެ ލިސްޓްގެ އެއްވަނައިގައި އޮތީ ވެލާ އައިލެންޑް އެވެ.
އެގޮތުން މިދިޔަ މަހު އެ ރިސޯޓްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ޖުމްލަ 1،106 ޑޮލަރު (17054.52ރ) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 674.44 ޑޮލަރު (10،399ރ.) އަށްވުރެ 64 އިންސައްތަ އިތުރު އަދަދެކެވެ.
އެ ލިސްޓްގެ ދެވަނައިގައި އޮތީ އަނަންތާރާ ކިހަވަށް ވިލާ ރިސޯޓެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 800.24 ޑޮލަރު (12339.70ރ.) ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު އެ ރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 772.22 ޑޮލަރު (11،907 ރުފިޔާ) އާ އަޅާބަލާއިރު ތިން އިންސައްތައިގެ އިތުރުވުމެކެވެ.
ލިސްޓްގެ ތިންވަނައަށް އައި ރަންދެލި ރިސޯޓްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 774 ޑޮލަރު (11935 ރުފިޔާ) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 791.33 ޑޮލަރު (12،202 ރުފިޔާ) އާ އަޅާ ބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ.
ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި އާއްމުކޮށް ނަގަނީ 10 ޕަސެންޓެވެ.