ބޭސްފަރުވާއަކަށް އިއްޔެ އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަ ނުދީ ބޭރުކޮށްލީ ހަތަރު ގަޑިއިރު ހިފެހެއްޓުމަށްފަހުކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލި ވާހަކަ މީޑިއާގައި ފެތުރުމާއި ގުޅިގެން އެކަމުގެ ތަފްސީލް ނޫސްވެރިންނަށް ދޭން ހޮޓެލް ޖެންގެ ބޭރުގައި ހުންނަވައިގެން ނިހާނު ވިދާޅުވީ އިންޑިއާައަށް ދިޔައީ ޑޮކްޓަރަށް ދައްކަން ކަމަށާއި، އެގައުމަށް އެތެރެވިޔަ ނުދިން ސަބަބެއް އެގައުމުގެ ބޯޑަރ ކޮންޓްރޯލަށް އަދި އިމިގްރޭޝަނަށް ބުނެނުދެވުނު ކަމަށެވެ.
ނިހާނު ވިދާޅުވީ މިކަމަކީ ކިހިނެއް ކޮން އުސޫލަކުން ހިނގިކަމެއްތޯ އޮޅުން ފިލުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރައްވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ އެހެން މީހަކަށް ގެއްލުމެއް ވެދާނެތީ އެކަން ސާފުކުރުމަށްކަމަށެވެ.
ނިހާނު ވިދާޅުވީ މިކަމަކީ އިދިކޮޅު ފަރާތްތަކުން ބުނާ ސަރުކާރުގެ ވަކިވަކި ބޭފުޅުންނަށް އަޅާ ފިޔަވަޅެއްކަމަށް ގަބޫލް ނުކުރައްވާކަމަށެވެ. ނަމަވެސް އެކަން އެގޮތަށް އޮތްތޯ ބަލަން ބޭނުން ކަމަށެވެ.
އިންޑިއާ ފަދަ ބޮޑު ގައުމަކުން ރާއްޖެ "ބުލީ" ކުރާނަމަ އެއީ ދެރަކަމެއް ކަމަށާއި، އިންޑިއާގެ ސަފީރު އިކިލޭޝް މިޝްރާ މިކަމުގެ ތަފްސީލް ދެއްވާނެކަމަށް ގަބޫލް ކުރައްވާކަމަށް ނިހާނު ވިދާޅުވިއެވެ.