މި ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރު މެނިފެސްޓޯގެ 90 ޕަސަންޓް ހާސިލު ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީގެ ފާއިތުވެދިޔަ 4 އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޙަފުލާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުންމީދާއި ކުރިއެރުން ގެނެސްދެއްވީ ދިވެހިރާއްޖޭގެ ތާރީޚު ދެކެފައިނުވާ ފަދަ އިންޤިލާބީ ބަދަލުތަކާ އެކުގަ އެވެ.
އެގޮތުން ޒުވާނުންނާއި ކުޅިވަރު މެނިފެސްޓޯގެ 90 ޕަސަންޓް ޙާޞިލު ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
"ޒުވާނުންގެ މެނިފެސްޓޯގެ 90 އިންސައްތަ، ޙާސިލުކޮށް މިވަނީ ނިމިފައި. ޔޫތު މިނިސްޓްރީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނޯންނާނެ ކަމުގައި އަޅުގަނޑު ފާހަގަ މިކޮށްލަނީ އުފަލާއެކު،" އިރުތިޝާމް ވިދާޅުވިއެވެ. "ޒުވާނުންނާއި ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލު ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދާނެ. ދިވެހި ޒުވާނުންގެ ތަސައްވަރުގައި މި ދަނީ ޙަޤީޤީ ކުލަ ޖެހެމުން، ޒުވާނުން ކުޅިވަރަށް ކުރާ އުއްމީދު މިދަނީ ޙާސިލުވަމުން،"
އޭނާ ވިދާޅުވި ގޮތުގައި ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް 80 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެ ދަނޑުތައް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ އެވެ. އަދި ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވެސް 101 ފުޓްސަލް ދަނޑުގެގެ މަސައްކަތް ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން 83 ވޮލީކޯޓް ނިމި، 23 ވޯލީ ކޯޓުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ 93 ބަށި ކޯޓެއް އަޅާ ނިމިފައިވާ އިރު، 17 ބަށި ކޯޓުގެ މަސައްކަތް މިހާރު ވެސް ކުރަމުން ދާކަމަށެވެ.

އަދި 44 ނެޓްބޯޅަ ކޯޓު ނިމި އިތުރު 11 ނެޓްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާ އިރު ކުޅިވަރު ދަނޑުތަކުގެ ތެރޭގައި ހިމެނޭ 11 ބާސްކެޓް ކޯޓެއް ނިމި 49 ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ނިމި އިތުރު 27 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމް މިފަދަ ތަފާސް ހިސާބުތަކަށް ވިދާޅުވި އިރު މިދިޔަ އަހަރުގެ މެއި މަހު ބިންގާ އެޅި ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އެތަނުގެ މަސައްކަތް ފެށި ނަމަވެސް، އިމާރާތް ކުރި ބައި މިހާރު އޮތީ ވެއްޓި ބިމާ ހަމަވެފަ އެވެ.