އައްޑޫ ވެސް ހިމެނޭ ގޮތަށް ސަރުކާރުން ކުރިއަށް ގެންދާ 1،000 ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ނެޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރާފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލީ ބ. ދަރަވަންދޫ، ތ. ވޭމަންޑޫގެ އިތުރުން އައްޑު އާއި ފުވައްމުލަކުގެ ޒުވާނުންނަށެވެ.
ކޯހުގައި އައްޑު އާއި ފުވައްމުލަކުން ޖުމްލަ 200 ފޮޓޯގްރާފަރުން ތަމްރީން ކުރާނެ އެވެ. އެއީ ކޮންމެ ސިޓީއަކަށް 100 ފޮޓޯގްރާފަރުންނެވެ.
ދަރަވަންދު އާއި ވޭމަންޑޫން ކޮންމެ ރަށަކުން 60 ފޮޓޯގްރާފަރުން ތަމްރީން ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ކޯހުގެ އެޑްމިޝަން ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން އޮރިއަންޓޭޝަނަށް 500ރ. ނަގާނެ އެވެ.
މި ކޯސް ކުރިއަށް ގެންދާ ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީ (ވައިޑީއެސް) އިން ބުނި ގޮތުގައި ކޯސް ފަށާ ދުވަހު ކޮންމެ ބައިވެރިއަކާ ނިކޯން ޑީ.3400 ގެ ކެމެރާކިޓެއް ހަވާލު ކުރާނެ އެވެ.
މިއީ 8،000ރ. ގެ އަގުހުރި ކެމެރާ ކިޓެއް ކަމަށާ އިމިކޯސް ނިންމާ ކޮންމެ ބައިވެރިއަކަށް ވެސް އިންސްޓޯލްމެންޓް އުސޫލުން 12 މަހަށް ބަހައިލައިގެން އަގު އަދާކުރާ ގޮތަށް ކެމެރާއެއް ލިބޭނެ ކަމަށް ބުންޏެވެ.
ތިއަރީ އާއި ޕްރެކްޓިކަލް ބައި ވެސް ހިމަނައިގެން ކުރިއަށް ގެންދާ ކޯސް ފުވައްމުލަކާއި ދަރަވަންދޫގައި ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އައްޑޫގައި ފަށާނީ ކޯސް އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ.
ވޭމަންޑޫގައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.
މިހާތަނަށް ވައިޑީއެސް އިން ލ. އަތޮޅުގައި މި ކޯހުގެ 4 ބެޗެއް ވަނީ ބާއްވައިފަ އެވެ.