Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

އެސްއެމްޓީ އާއި ޒެފިއާ އެއްވަރު، މަލްޓި ކަޓައިފި

މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018 ގައި ރޭ ގްރޫޕް އޭ ގެ މެޗު އެފްސީ ޒެފިއާ އަދި އެސްއެމްޓީ ބައްދަލުކޮށް، 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މެޗުގެ ކުރިންވެސް މިދެޓީމަށް މުބާރާތުގައި ފުރުސަތެއް ނެތް ކަން ޔަގީން ވެފައިވާއިރު ދެ ޓީމުންވެސް ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 2-3 އިން ޒެފިއާ ކުރީގައި އޮވެގެންނެވެ.

ނަމަވެސް ފަހު ހާފުގައި އެސްއެމްޓީ އިތުރު ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް ޒެފިއާއިން ވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ. މިދެޓީމަށް ވެސް މިމުބާރާތުގައި ލިބިފައިވަނީ ރޭގެ މެޗުން އެއްވަރުވުމާއެކު އެންމެ ޕޮއިންޓެކެވެ.

ރޭގެ ދެވަނަ މެޗުގައި ގްރޫޕް ބީގެ ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާއިރު އެފްސީ އަފިރިން އަދި މަލްޓި ޖީނިއަސް ސިޓީ ބައްދަލުކުރި މެޗު 1-3 އިން އަފިރިން މޮޅުވެ، ސެމީގެ ޖާގައެއް އެޓީމުން ވަނީ ކަށަވަރުކޮށްފައެވެ.

މެޗުގެ ކުރީކޮޅު އަފިރިން ޓީމުން ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް މަލްޓި އިން ވަނީ ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ލަނޑެއް ޖަހާފައެވެ. ނަމަވެސް ފަހު ހާފުގައި އެޓީމަށް ނަތީޖާ ކުޑަ ނުކުރެވުނީސް އަފިރިން ވަނީ އިތުރު ލަނޑަކާއެކު މޮޅު ކަށަވަރުކޮށްފައެވެ.

މިނަތީޖާ އާއެކު އަފިރިން ސެމީއަށް ގޮސްފައިވާއިރު ގްރޫޕް ބީ އިން ދެން ސެމީއަށް ދަތުރުކުރި ޓީމަކީ ޒެލޮންއެވެ. ޑީސީ ޖޫނިއާސް އަދި މަލްޓި ޖީނިއަސް ކަޓާފައިވާއިރު ޑީސީއަށް މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ވަކިވާން ޖެހުނީ އެންމެ ޕޮއިންޓެއް ވެސް ނުލިބިއެވެ.