Last Updated: June 13, 11:31
Saturday, June 13, 2026
ޚަބަރު

ނިހާނަށް ވިސާ ނުދިނުމަކީ އަޖާއިބެއް ނޫން: ނަޝީދު

ބޭސްފަރުވާއަކަށް މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން ވިސާ ނުދީ ފޮނުވާލުމަކީ އަޖާއިބެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓް ރޫޅާލައި، މަޖިލިސް ހިޞޯރުކޮށް، މުސްތަޤިއްލު މުއައްސަސާތައް ގަޑުބަޑުކޮށް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަޅުފައިސާ ދޮންނަ ސަރުކާރެއްގެ ޕީޖީ ލީޑަރަށް ވިސާ ނުދިނުމަކީ އަޖައިބެއް ނޫން" ކަމަށެވެ.

ނިހާނު ރޭ ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އެބޭފުޅާ އިންޑިއާއަށް ނޭރުވި ވާހަކަ އަޑުވި ބަޔަކު މީހުންނަށް ރޯދަ ނުވީއްލި ދިޔަ ކަމަށާއި، ނަމަވެސް އެކަމަކީ އެއްވެސް ގޮތަކަށް ދެރަވާ ކަމެއް ނޫންކަމަށެވެ.

ނިހާނު ވިދާޅުވީ އިންޑިއާއަކީ މައްކާ މަދީނާ ނޫންކަމަށާއި އެހެންވެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ.

ގާތްގަޑަކަށް ހަތަރު ގަޑިއިރު ބެހެއްޓުމަށްފަހު ނިހާނު އަނބުރާ ފޮނުވާލާފައިވަނީ އަންގާރަ ދުވަހުގެ ފަތިހުއެވެ. ނިހާނު ވިދާޅުވީ މިކޮން އުސޫލަކުން ހިނގި ކަމެއްތޯ ބަލާނެކަމަށާއި، މިއީ އިންޑިއާއިން ރާވައިގެން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަށް ކުރާ ކަމެއްތޯވެސް ބަލާނެ ކަމަށެވެ.

ނިހާނު އިންޑިއާއަށް ނޭރުވި މައްސަލާގައި އިދިކޮޅުން ބުނީ މިއީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް އިންޑިއާއިން އެޅި ފިޔަވަޅެއް ކަމަށެވެ.