ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނައިބް ރައީސް އަލްއުސްތާޒު އަބްދުﷲ އަލީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.
މ. ކުނޫޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަބްދުﷲ ޖޭޕީއަށް ސޮއި ކުރެއްވުމުން އޭނާގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން އެވެ.
އަބްދުﷲ ވަނީ މީގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އޭނާ އަކީ މާސްޓާސް އޮފް ކޮމްޕެއާރެޓިވް ލޯ ހައްދަވާފައިވާ ގާނޫނީ ދާއިރާގެ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެޕާޓީން ކުރިއަށް ގެންދާ "ޖޭޕީ ހޭވައްލާ" ކެމްޕޭންގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއަށް ސޮއި ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.