ރޭ އައްޑޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީ އާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުން ބުނީ ރޭގެ ގްރޫޕް މާރާމާރީ ހިންގާފައިވަނީ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ފުޓްސަލް މެޗެއް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައެވެ.
ރޭގެ މާރާމާރީއާއި ގުޅިގެން އެއްބަޔަކުވަނީ މަރަދޫގައި ހުންނަ "ޗިލްބޭ" ރެސްޓޯރެންޓަށް ވަދެ އެތަނުގައި ތިބި ބަޔަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައި، ތަނަށް ގެއްލުން ދީފައެވެ.
ރޭގެ މާރާމާރީ ކޮންޓްރޯލް ނުވެ 3 ގަޑިއިރަށް ދިގުދެމިގެން ދިޔަ އިރު މާރާމާރީ ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ބައެއް އާއްމުން ރޭވެސް ކަންބޮޑުވުން ފާޅުކުރިއެވެ.