Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ރައީސް މައުމޫންގެ އަޒުމެއް ނުގުޑާނެ: އިދިކޮޅު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ފޮޓޯ: އަވަސް

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެ މަނިކުފާނުގެ އަޒުމަށް ކުޑަވެސް ގުޑުމެއް ނާންނާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމަށްފަހު ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލާފައިވާތާ 120 ދުވަސް ވުމާ ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫންގެ ހަމައެކަނި ކުށަކީ ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ދެމިހުންނެވުމާއި އަދި ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ އިޞްލާޙީ މަސައްކަތުގައި އެމަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ކަމުގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ރައީސް މައުމޫންގެ މައްޗަށް ދަޢުވާކުރަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ދަޢުވާ ކަމަށާއި 2013 ވަނަ އަހަރު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ ބަލާއިރު ފެންނަނީ، ވަރުބަލިކަމެއް ނެތި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން ރައީސް ޢަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދެއްވި މަންޒަރުތައް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ތަފާތު އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވައި ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް ގޮވާލެއްވި އަޑުތައް ކަމަށާއި އެހެންކަމުން އޭގެ މާނައަކީ ޕީޖީގެ ފަރާތުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ. އަދި އެންމެ ބޮޑު ޓެރަރިޒަމްގެ ޢަމަލަކީ ވެސް އެއީ ކަމަށް އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ވެއެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ އެއްވެސް އަސާސެއް ނެތް، ދޮގު ތުހުމަތެއް ކުރުމަށް ފަހު ކަމަށާއި ދައުވާގައި ހުރީ ހަދަހަދައިގެން ދައްކާފައިވާ ޚިޔާލީ ވާހަކަތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ދައުވާ ކުރުމުގެ ބޭނުމަކީ ދިވެހިންގެ ހިތުގައި މައުމޫނަށް ދެވިފައިވާ އިހްތިރާމާއި ގަދަރާއި ލޯބި ކޮންމެވެސް ގޮތަކުން ނެތިކޮށްލުން ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުވުން ކަމަށެވެ.

އިދިކޮޅު ބަޔާނުގައި ބުނި ގޮތުގައި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ ތާއީދު އެއްވެސް މިންވަރަކަށް ހޯދިފައިނުވުމާއި ކުރިމަގުގައި އެ ތާއީދު ލިބިގެންދާނެ އެއްވެސް މަގެއް ނެތުމެވެ. މި ހަގީގަތް ފެނުމުން ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި އަދި ފަސާދައިގެ ވާހަކަތައް ހާމަކުރާ ކޮންމެ މީހަކު ޖަލަށްލަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ 4 ލީޑަރުން ޖަލަށް ލުމުން، އެ 4 ލީޑަރުންނަށް ދިވެހި ލޮބުވެތި ރައްޔިތުން ކުރާ ތާއީދު މި ސަރުކާރަށް ލިބިގެންދާނެ ކަމަށް ދުށުމަށް ވުރެ މޮޔަކަމެއް އެއްވެސް މީހަކު ނުކުރާނެއެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު، ޖޭޕީގެ ލީޑަރ އޮނަރަބްލް ޤާސިމް އިބްރާހީމް އަދި އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ޖަލަށްލުމުގެ ނަތީޖާއަކީ، ދެންނެވުނު 4 ލީޑަރުންނަށް ދިވެހި ރައްޔިތުން ކުރާ ތާއީދު ކުރިއަށް ވުރެވެސް އިތުރުވެގެން ދިޔުމެވެ. އަދި މި ސަރުކާރަށް ކުރާ ތާއީދު މުޅިންކަހަލަ ގޮތަކަށް ފުހެވިގެން ދިޔުމެވެ" އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި އެއްވެސް ހުކުމެއް ނެތި މައުމޫން ބަންދުކޮށްގެން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެކެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތްތައް ހުއްޓާލެވިދާނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"އަނިޔާވެރިކަމާއި، ފަސާދަ އާއި ކޮރަޕްޝަނުން ރައްޔިތުންގެ ތާއީދާއި ލޯބި ލިބިދާނެކަމަށް ދުށުމަކީ ވެސް ސިޔާސީ ގޮތުން ކުފޫ ހަމަނުވާކަން އަންގައިދޭ ކަމެކެވެ،" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ވަނީ މައުމޫނާއި އަނެއް ތިން ލީޑަރުން ގުޅިވަޑައިގެން ފެއްޓެވި މަސައްކަތް ނިންމާލައްވާނީ ދިވެހިންނަށް ކާމިޔާބު ހޯދުމަށް ފަހު ކަމަށް ބުނެފަ އެވެ. އަދި މައުމޫނާއި ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.