Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ޕްރީ ސްކޫލް/ކޮލެޖް ޓީޗަރުންނަށް ވެސް ފްލެޓަށް އެދެވޭނެ

ސަރުކާރުގެ "ހިޔާ 2018" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް، ޕްރީ ސްކޫލު ޓީޗަރުންނާއި ކޮލެޖް/ ޔުނިވަސިޓީތަކުގެ ލެކްޗަރާއިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތުން މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ޕްރައިމެރީ ސްކޫލްއިން ފެށިގެން މަތީ ސާނަވީ ތަޢުލީމުދެވޭ ސްކޫލްތަކުގެ ތެރެއިން، މާލޭ/ހުޅުމާލެ/ވިލިމާލޭގައި ތަޢުލީމީ ދާއިރާއިން ޓީޗަރެއްގެ ގޮތުގައި ދާއިމީ (ފުލް ޓައިމް) ވަޒީފާއެއް އަދާކުރާ ފަރާތަކަށެވެ.

އެކަމަކު މި ޝަރުތަށް މިހާރު ގެނައި އިސްލާހުގައިވާ ގޮތުން ޕްރީ ސްކޫލްއިން ފެށިގެން މަތީ ސާނަވީ ތަޢުލީމުދެވޭ ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާރސިޓީތަކުގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ފަދަ މުޢައްސަސާތަކުގެ ތެރެއިން، މާލޭ/ހުޅުމާލެ/ވިލިމާލޭގައި ތަޢުލީމީ ދާއިރާއިން ޓީޗަރެއްގެ ގޮތުގައި ދާއިމީ (ފުލް ޓައިމް) ވަޒީފާއެއް އަދާކުރާ ފަރާތަކަށް ފްލެޓަށް ކުރިމަތިލެވޭނެ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓަށް އެދި މިހާތަނަށް ގާތްގަނޑަކަށް 50،000 ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފްލެޓަށް އެދި ކުރިމަތިލާ ފޯމު އަންނަ މަހުގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ 704 މީހުންނަށެވެ.