ބޭސް ފަރުވާއަކަށް އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަ ނުދީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހަސަން މަނިކު ފޮނުވާލުމުން ކަންބޮޑުވާކަމަށް އެގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ.
އަންޑޭ ވިދާޅުވީ ނިހާނު އެގައުމަށް އެތެރެވިޔަ ނުދިން ސަބަބު އޮޅުން ފިލުވުމަށް އެގައުމުގެ ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އިންޑިއާ ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާކަމަށް އަންޑޭ ވިދާޅުވިއެވެ.
އަންޑޭ ވިދާޅުވީ މީގެ ކުރިން ރާއްޖެއިން އިންޑިއާއަށް ދާ ބައެއް ދިވެހިންނަށް ޓްރެވިންޑަރަމް އަދި ބެންގަލޫރުން ވިސާ ނުދޭ މައްސަލައިގެ ޝަކުވާ ލިބިގެން އެކަން ސާފުކުރުމަށްވެސް އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅަކަށް އިންޑިއާއަށް އެތެރެވިޔަ ނުދީ މިފަހުން ފޮނުވާލާފައިނުވެއެވެ.
ނިހާނު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެބޭފުޅާ އިންޑިއާއަށް ވަޑައިގެންނެވީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އެކު ކަމަށާއި، ޕާސްޕޯޓު ބެލުމަށްފަހު ކޮން ޕާޓީއެއްގެ މެމްބަރެއްތޯ އިމިގްރޭޝަނުން ސުވާލުކުރިކަމަށެވެ. އަދި ޕީޕީއެމްކަމަށް ވިދާޅުވުމުން އެތެރެއަށް ވަޑައިގެންނެވުމަށްފަހު އިމިގްރޭޝަނުން އިންޑިއާއަށް އެތެރެވުމަށް ފުރުސަތު ނުދީ ހަތަރު ގަޑިއިރު ބެހެއްޓުމަށްފަހު އެނބުރި ގައުމަށް ފޮނުވާލި ކަމަށެވެ.
ނިހާނު އިންޑިއާައަށް އެތެރެވުމަށް ފުރުސަތުނުދިން އިރު އިންޑިއާގެ ޖީއެމްއާރު ބޭރުކޮށްލުމުގައި އިސް ދައުރެއް ނިހާނު އަދާކުރެއްވިއެވެ.