Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމެރިކާ ސަފީރު މަހުލޫފާ ބައްދަލުކޮށްފި

ފޮޓޯ: އަވަސް

ރާއްޖެ އާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާ ބައްދަލު ކުރައްވައިފި އެވެ.

ކެޝަޕް މަހްލޫފްއާއި ބައްދަލުކުރެއްވީ އޭނާ ދިރިއުޅޭ ގެއަށް ވަޑައިގެންކަމަށް މަހްލޫފް ކުރެއްވި ޓްވީޓަކުން އެނގެއެވެ. މަހްލޫފް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ގެއަށް ކެޝަޕް ވަޑައިގެން އޭނާއާއި ބައްދަލު ކުރެއްވީތީ ޝުކުރުއަދާ ކުރާ ކަމަށެވެ.

ކެޝަޕް އިއްޔެ ވަނީ، ޖަލަށް ލާފައިވާ އިދިކޮޅު ފަރާތްތަކުގެ އަނބިންނާވެސް ބައްދަލު ކުރައްވާފަ އެވެ. އަދި އިދިކޮޅު މެންބަރުންނާ ވެސް އޭނާ ވަނީ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ކެޝަޕް ވަނީ އިއްޔެ ސިޔާސީ ލީޑަރުންނަށާއި ގިނަ ފަރާތްތަކަށް ދައުވަތުދީގެން ހޮޓެލް ޖެންގައި ރޯދަ ވީއްލުމެއްވެސް ބާއްވާފަ އެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ރޯދަ ވީއްލުމަށް ގިނަ ފަރާތްތަކަކުން ބައިވެރިވެފައި ވެއެވެ.

މި ރޯދަ ވީއްލުމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާންގެ އާއިލާއިންވެސް ބައިވެރިވެފައިވެއެވެ.

ރޯދަ ވީއްލުމުގައި ކެޝަޕް ވިދާޅުވީ، ރާއްޖެއަކީ މި ރީޖަންގައި ދެފުށް ފެންނަ ޑިމޮކްރަސީއެއް އޮތް ގައުމަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަށްޓަކައި އެމެރިކާ އޮތީ ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރަށެވެ.

ރާއްޖެއާ ގުޅިގެން މަސައްކަތްކޮށް ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް އޮތް ކަމަށް ވެސް ކެޝަޕް ވިދާޅުވި އެވެ.