Last Updated: June 10, 20:48
Wednesday, June 10, 2026
ސިޔާސީ

ނަޝީދުގެ ތިން ކަމެއް ފާހަގަ ކުރެވޭ: ހުސައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަން ނިމުމަކަށް އައި އިރު އެ މަނިކުފާނުގެ ރަނގަޅު ތިން ކަމެއް ފާހަގަ ކުރެވޭ ކަމަށް ޝެއިހް ހުސައިން ރަޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ހިތަދޫގައި ބޭއްވި "އެއްބުރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ނަޝީދުގެ ފާހަގަ ކުރެވޭ ތިން ކަމަކީ އެ މަނިކުފާނުގެ ކިބައިގައި އަނިޔާވެރި ކަމެއް ނެތުމާއި ރާއްޖޭގެ އަންހެނުންގެ އިއްފަތް ނަގާލަން މަސައްކަތްކޮށްފައި ނުވުމާއި އެ މަނިކުފާނަކީ ގައުމާއިގެން ކުރިއަށް ދާން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

ހުސައިން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ވާހަކަ މޫސާގެފާނުގެ ވާހަކަ ދެކެވޭ އިރު ފިރުއައުނާއި ހާމާނުގެ ވާހަކަ ދެކެވޭ ގޮތަށް ތިން އަހަރު ވެރިކަން ކުރެއްވި ނަޝީދުގެ ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ދީނީ ބޭފުޅުން ދެއްވާ ލަފަ އާއި އިރުޝާދު ގަބޫލް ކުރައްވާ ކަމަށާއި ނަޝީދަކީ އިޖުތިމާއި އިގުތިސާދީ، ސިއްހީ، ތައުލީމީ އަދި އުމްރާނީ ގޮތުން ގައުމު ކުރިއަށް ގެންދަވަން އެނގިވަޑައިގަންނަަވާ މައުމޫން ފަދަ އަނިޔާވެރި އަދި ރައްޔިތުން ބިރު ގަންނަވާ ވެރިއެއް ނޫން ކަމަށެވެ.

ޝެއިހް ހުސައިން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ވަރަށް ގިނަ ކަންތައްތަކެއް ކޮށް ދެއްވާފައިވާ ކަމަށެވެ. އެގޮތުން އައްޑު އަށް މައުމޫން ކޮށް ދެއްވި ކަންތައްތަކުގެ ތެރޭގައި އައްޑީގެ ފިރިހެނުން އާއިލާތަކާ ވަކިކޮށް ރިސޯޓްތަކަށް ގެންގޮސް ވަރި ގިނަ ކުރުމާއި އަންހެނުންގެ އިއްފަތް ނަގާލުމާއި މަގު މައްޗަށް ވިހާ ދަރިން ގިނަ ކުރި ކަމަށެވެ.