ސްކޫލް ޙަޔާތަކީ މުޅި އުމުރު އެ ހަނދާންތައް ފޮހެނުލެވޭ ޙަޔާތެކެވެ. ކޮންމެ ދަރިވަރަކު ވެސް އިމްތިހާނަކާ ގާތްވުމުން މިންނެތް މަސައްކަތް ކުރަނީ ރަނގަޅު ނަތީޖާތަކެއް ހޯދަންކަން ކަށަވަރެވެ.
ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ޒަމާނުގައި ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ލިބޭ މަދު ފައިސާކޮޅުން ދަރިންގެ ކިޔެވުމަށް އިތުރު އެހީ ހޯދުމަށް ބެލެނިވެރިން ޓިއުޝަނަށް ކުދިން ފޮނުވާ ޙާލު އެނގޭނީ ހަމަ އެކަން ކުރާ މީހުންނަށެވެ. ފަސޭހަ ކަންތަކެއް ނޫނެވެ. އެހެން ނަމަވެސް އެކަން ކުރަނީ ކުރާ ހިތުންނެވެ.
ކޮންމެ އިމްތިހާނަކަށް ފަހު ނަތީޖާ ދެވޭ ދުވަހަކީ ދަރިވަރުންނެކޭ އެއްގޮތަށް ބެލެނިވެރިންވެސް އެކަމަށް ތައްޔާރުވާ ދުވަހެކެވެ. ދަރިވަރުންގެ ހިތް ތެޅޭވަރަށްވުރެ ބާރަށް ބެލެނިވެރިންގެ ހިތް ތެޅޭކަމީ ހަގީގަތެކެވެ.
ފަހަކަށް އައިސް އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކުން ރިޕޯޓް ދޭ ދުވަހު ފެންނަނީ ތަފާތު މަންޒަރެކެވެ. ސްޓޭޖް މަތިން ރިޕޯޓް ދީ ނިމުމުން ބައެއް ބެލެނިވެރިން ދަރިވަރުން ގޮވައިގެން ދުވަނީ ސްކޫލް އޮފީހަށެވެ. ގޮސް ޗެކް ކޮށްފައި ބަލާއިރު "ކޮމެންޑެޑް" ލިބެންޖެހޭ ދަރިވަރަށް" އޭ" ރިޕޯޓް އަދި އޭ ލިބެންޖެހޭ ދަރިވަރަށް "ބީ " ރިޕޯޓްދީފައިވެއެވެ. މިއީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. ޖެހިޖެހިގެން 3 އަހަރު އެއް ކުއްޖެއްގެ ރިޕޯޓްގައި މިގޮތަށް މައްސަލަ ހުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ސްކޫލުން ގެންގުޅޭ ސިސްޓަމްގައި މައްސަލަ ހުރުމަކީ ދަރިވަރުގެ މައްސަލައެއް ނޫނެވެ. ގެންގުޅުއްވާ ފޯމިއުލާ އަރިއަޅާލުމަކީވެސް އޭގެ ސަބަބުން ދަރިވަރަށް އަސަރު ކުރަންޖެހޭ ކަމެއް ނޫނެވެ. މުދައްރިސަށް މާކްސް ނުބައިކޮށް ސިސްޓަމަށް އެޅިފައިވުމަކީވެސް ދަރިވަރުގެ މައްސަލައެއް ނޫނެވެ.
ދަރިވަރު ހާސިލްކުރާ ނަތީޖާގެ ރިޕޯޓް އެދަރިވަރުވެސް ބޭނުންވާނީ ބެލެނިވެރިންނާއި ދަރިވަރުންގެ ކުރިމަތީގައި ސްޓޭޖުން ލިބުންކަން ސްކޫލްގެ މެނޭޖްމަންޓުން ދަންނަން ޖެހެއެވެ. އެގޮތަށް ނުލިބި ކޮންމެ ފަހަރަކު ދަށް ރިޕޯޓެއް އެންމެން ކުރިމަތީގައި ދަރިވަރަށް ލިބުމަކީ އެ ދަރިވަރުގެ ކިޔެވުމަށް ވެސް އޭގެ ސަބަބުން އަސަރު ކުރާނެ ކަމެއް ކަން ކަށަވަރެވެ.
މި ފަހަރު ވެސް ރިޕޯޓް ދެވިގެން ދިޔަ އިރު ބެލެނިވެރިންގެ ހިތްހަމަނުޖެހުމާއި ދަރިވަރުންގެ ހިތްދަތިކަން މެނޭޖްމަންޓާއި ޓީޗަރުންނަށް އަމާޒުވިއެވެ. ބައެއް ބެލެނިވެރިން ބުނަމުން ދިޔައީ މިއީ އާންމު ކަމެއް ކަމަށެވެ.
ކޮންމެ އަހަރަކު ކޮންމެ ޓާމެއްގައި އޮފީސް ދޮށުގައި ކުރުކާލި ކަނޑައިގެން ދަރިވަރަށް ހައްޤު ރިޕޯޓް ހޯދުމަކީ އެއްވެސް ބެލެނިވެރިޔަކު ގަޔާވާނެ ކަމެއް ނޫނެވެ. އެހެނަސް މިޖެހެނީ އެކަން އެގޮތަށް ކުރާށެވެ.
ނަތީޖާއަަކަށް ވަނީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރު ކިޔެވުން މަތިން ފޫހިވުމެވެ. ގެޔަށް އައިސް ނުވަތަ ސްކޫލް ތެރޭގައި ކަރުނަ އެޅުމެވެ. ފާހަގަވާ ކަމަކީ މޮޅު ނަތީޖާ ހޯދަމުންދާ އެފަދަ އެތައް ދަރިވަރުންނެއްގެ ނަތީޖާ ފަހަރަކަށްވުރެ ފަހަރެއް ދަށް ވަމުންދާ ކަމެވެ. ތިމަންނަ ކިތަންމެ ރަނގަޅު ނަތީޖާއެއް ހޯދިޔަސް ސްޓޭޖް މަތިން އެ ނުލިބޭނެޔޭ ބުނުމަކީ އެދަރިވަރަށް އެކަމުގެ ސަބަބުން ކުރަމުންދާ އަސަރު ވަރަށް ރަނގަޅަށް ދައްކުވައިދޭ ހެއްކެއްކަން ޔަގީނެވެ.
ކޮންމެ ފަހަރަކު ޓީޗަރުން، ލީޑިންގ ޓީޗަރުން، ސުޕަވައިޒަރުން، ޑެޕިއުޓީ ޕްރިންސިޕަލް އަދި ޕްރިންސިޕަލް އަށް މައްސަލަ ހުށަހަޅާ ދެން އަންނަ ފަހަރެއްގައި ދަރިވަރަށް މިގޮތަށް ކަންތައް ނުކުރުމަށް އާދޭސް ކުރުމަކުން ވާ ކަމެއް ނެތެވެ. ވަނީ ހަމަ އެކައްޗެކެވެ.
ސްކޫލްތަކުން މިކަމުގައި ޒިންމާ ނަންގަވާނީ ކޮން ފަރާތަކުންތޯ މިއީ ސުވާލެކެވެ. ހަމަ ގައިމުވެސް ޒިންމާ ނަންގަވަންޖެހޭ ފަރާތެއް ވާނެއެވެ.
މިކަމަކީ އިސްލާހް ކުރެވެން ޖެހޭނެ ކަމެކެވެ. ސްކޫލާއި ދޭތެރޭ އޮންނަ އިތުބާރު ގެއްލުމަކީ މިއީ ވަރަށް ދެރަ ކަމެކެވެ. ސްކޫލްތަކުގެ ޕްރިންސިޕަލުން މިކަމާ ވިސްނަވާ ފިޔަވަޅު އަޅުއްވަން ވެއްޖެއެވެ. ކަމާބެހޭ ފަރާތްތަކުން ވެސް މިކަމަށް ހައްލެއް ގެނުވޭތޯ ބައްލަވަން ވެއްޖެއެވެ.
ނޭނގި ނަމަވެސް މި ކުޅެވެނީ ޅަ ސިކުނޑި ތަކަކާއެވެ. ދަސްކޮށް މިދެވެނީ ހައްޤު ނިގުޅައިގަންނާށެވެ.
ތިމާ ކުރާ މަސައްކަތުގެ ހައްޤު އަގު ނުލިބޭނެޔޭ ފުރަތަމަ ސްކޫލުން ދަސްކޮށްދިނުމުން ދެންވާނީ ކިހިނެއްތޯ އެވެ؟ މިއީ ދުރު މުސްތަޤްބަލަކަށް ބަލާއިރު ހީނުކުރާ ފަދަ ގެއްލުންތަކެއްގެ ފެށުން ގެނުވަފާނެ ކަމެއްކަން ޔަޤީނެވެ.