Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނިހާން އިންޑިއާ އަށް ނޭރުވުމުން ޑރ. ޖަމީލް ދެރަވެއްޖެ

މިހާރު ނޫސްތަކުގެ ހެޑްލައިން ތަކުން އަދި ހޮޅުއަށިތަކުންވެސް އިވެނީ އެއް އަޑެކެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުއަށް އިންޑިޔާއަށް ވަނުމަށް ހުރަސް އެޅި ވާހަކައެވެ.

މި މައްސަލާގައި އުފާވާ މީހުންވެސް މަދެއް ނޫނެވެ. ހަމަ އެހެންމެ ކަންބޮޑުވާ ފަރާތްތައްވެސް މަދެއް ނޫނެވެ. ކަންބޮޑުވާ ފަރާތްތަކުގެ ލިސްޓަށް އިތުރު ވެގެން ދިޔައީ އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރައްވާ މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ނިހާނު އާއި ސިޔާސީ ވިސްނުން ވަރަށް ތަފާތު ޑރ. ޖަމީލް މިފަހަރު މިކަން ނެގީ ނިހާންގެ އެކަނި ކަމެއްގެ ގޮތުގައި ނޫނެވެ. ގައުމީ ކަމެއްގެ ގޮތުގައެވެ.

ޓްވިޓާގައި ޖަމީލް ވިދާޅުވީ އެފަދަ ދެރަ ކަންކަން ދިމާވަނީ މި ސަރުކާރުން އެންމެ އަވައްޓެރި ގައުމު އިންޑިޔާއަށް ނިސްބަތްކޮށް ހަގީގަތެއް ނެތް ވާހަކަތައް ދައްކާ ފުުރައްސާރަ ކުރާތީ ކަމަށެވެ.

އަދި ކޮންމެ ދިވެއްސަކަށް ދިމާވި ނަމަވެސް މިއީ ހިތާމަވެރި ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެރަ ވެއްޖެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ނިހާން ވިދާޅުވީ އެއްވެސް މީހަކު ގައުމަކަށް ނާރުވާނަމަ އެކަން ވާންވީ ސަބަބު ބަލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވަނީ އިންޑިއާ އަށް އޭނާ ނޭރުވީ ބުލީ ކުރަން ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އިންޑިޔާއިން ވަަކި އެއްޗެއް ނުބުނެ އެވެ.