Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

ނިހާންގެ މައްސަލާގައި މިޝްރާ ފޮރިން އަށް ހާޒިރުކޮށްފި

އިންޑިއާ ސަފީރު އަކިލެޝް މިޝްރާ ފޮރިން މިނިސްޓަރ އާސިމް އާއި އެކު، ފޮޓޯ: ފޮރިން މިނިސްޓްރީ

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އިންޑިއާގެ ޗެންނާއީއަށް އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލާގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު ވަގުތެއްގައި މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒުރުކޮށް ވަނީ "ޑިޕްލޮމެޓިކް ނޯޓު" ވެސް ހަވާލުކޮށްފަ އެވެ. އަދި މި ބައްދަލުވުމަކީ ނިހާނު އިންޑިއާއަށް އެތެރެވިޔަ ނުދިން މައްސަލާގެ ކަންކަން އޮޅުން ފިލުވުމަށް ހާޒިރު ކުރި ކުރުމެއްކަމަށެވެ.

މިޝްރާއާއި ފޮރިން މިނިސްޓްރީގެ ފަރާތުން މިޝްރާ އާއި ބައްދަލު ކުރެއްވީ ސެކްރެޓަރީ، ބައިލެޓްރަލް އަހުމަދު ޚަލީލް އެވެ.

ނިހާނު ރޭ ވިދާޅުވީ މިކަމުގެ މައުލޫމާތު އިންޑިއާގެ ސަފީރުގެ އަރިހުން ސާފު ކުރަން ޖެހޭ ކަމަށާއި، މިއީ ކިހިނެއް ކުރިއަށްދާ ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ފަރާތުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ސަބަބެއް ބުނެ ނުދީ ނިހާނު އިންޑިއާއަށް އެތެރެ ވިޔަ ނުދިން ކަމީ ކަންބޮޑުވާ ކަމެއްކަމަށާއި އެކަން ސާފު ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅަކަށް އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލި ފުރަތަމަ ފަހަރެވެ.