Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ނިހާން ބޭރުކޮށްލި ސަބަބު އެބަ ހޯދަން: ސަފީރު

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިޔާގެ ޗެންނާއީއަށް ވަނުމުގެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލީ ކީއްވެގެންތޯ ބަލަމުން އަންނަ ކަމަށް ދިވެހި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހުމަދު ވިދާޅުވެފައިވަނީ ނިހާން އަނބުރާ ފޮނުވާލި މައްސަލައިގެ ތަފްސީލު ހޯދުމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ދިވެހިންނަށް މިމައްސަލަ ދިމާވެފައިވާ ކަމަށާއި، ސަބަބު ހޯދަން ކުރި މަސައްކަތް ކާމިޔާބުވުމުގައި ހުރަސްތަކެއް ދިމާ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން އިންޑިޔާގެ ޗެންނާއީ އަށް ދަތުރުކޮށްފައިވަނީ ބޭސްފަރުވާއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގައުމަށް ގޮސްފައިވަނީ އޮން އެރައިވަލް ވިސާ ގައި ކަމަށާއި އެއްވެސް ސަބަބެއް އެންގުމަކާ ނުލާ ގައުމުން ބޭރުކުރުމުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން ވަނީ އިންޑިޔާއަށް ނުވެއްދީތީ ދެރަ ވާހަކަށް ނުޖެހޭނެ ކަމަށާއި ނަމަވެސް އޭނާ އަށް އިންޑިޔާއަށް ނުވަދެވުނީ މިސަރުކާރަށް ތާއީދު ކުރާ ބޭފުޅަކަށް ވާތީތޯ ނުވަތަ ޕީޕީއެމްގެ މެމްބަރަކަށް ވާތީތޯ އިންޑިޔާއިން އޮޅުންފިލުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަކިލޭޝް މިޝްރާ ހާޒިރުކޮށް، ނިހާން ނުވެއްދި ސަބަބު ލިޔުމުން ބަޔާން ކުރުމަށް އަންގާފައެވެ.