ކުށް މަދު ކުރުމަށް ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައްޑޫގައި ދާއިމީކޮށް އެސްއޯ ފުލުހުން ބައި ތިއްބަން ނިންމާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ޕޮލިސް މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ ދާއިމީކޮށް އައްޑޫގައި އެސްްްއޯ ފުލުހުން ބައިތިއްބަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އައްޑޫގެ ވެށި އަމާންވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ސީީޕީ މިގޮތަށް ވިދާޅުވެފައި މި ވަނީ އެސްއޯ ފުލުހުން އައްޑޫގައި ތިބުމާ ދެކޮޅަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވާހަކަ ވެސް ދައްކާފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ އެސްއޯ ފުލުހުންގެ ބަދަލުގައި އައްޑޫގައި ތިބެން ބޭނުން ވަނީ ސިޓީ ފުލުހުން ކަމަށެވެ. އަދި އެސްއޯ ފުލުހުން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ނަމުގައި އޮޕަރޭޝަނެއް ފެށި ފަހުން އެސްއޯ ފުލުހުންގެ ފަރާތުން ނޭދެވޭ އަމަލުތަކެއް ފެނިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެެސްއޯ ފުލުހުން އާންމުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާތަކާއި ހުތުރު ބަހުން މުއާމަލާތް ކުރުމާއި އައްޑޫގައި ހުންނަވާ ފުލުހުންގެ ކޮމާންޑަރަށް އެސްއޯ ފުލުހުންގެ އޮޕަރޭޝަނާ ބެހޭ އެއްވެސް މައުލޫމާތެއް ނޭގުން ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ައެހެން ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.