ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުން މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން އެކަން ދައްކާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅުނެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލައެކެވެ.
މިމުއްދަތުގައި ރޯދަމަހު ދުވާލު ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް މަދުކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 7 މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި 109 މައްސަލަ ހުށަހެޅިފައިވެއެވެ. ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ ކުދި ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރަށްވުރެ މި މުއްދަތުގައި ވައްކަމުގެ މައްސަލަތައް ހުށަހެޅުނު އަދަދު މިވަނީ 18 އިތުރު ވެފައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ކުދި ވައްކަންތައް އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ދެކެއެވެ.
ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ޙަރަކާތްތެރިވިނަމަވެސް ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށްވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.