ފުލުހުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުން ގެންދާ "ރެޑީ ކޭމްޕް" ގެ މި އަހަރުގެ ފުރަތަމަ ކޭމްޕް އަންނަ މަހު ހިތަދޠޫ ޝަރަފުއްދީން ސްކޫލުގައި ބާއްވަން ނިންމައިފި އެވެ.
ދަރިވަރުންގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިން ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ރެޑީ ކޭމްޕަކީ 3 ދުވަހަށް ދިގު ދެމިގެން ދާނެ ހަރަކާތެކެވެ.
މި ހަރަކާތުގެ މަޤްސަދަކީ ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި ދިރިއުޅުމުގެ ރީތި އަދަބުތައް ހަރުލެއްވުމާއި ކިޔެވުމަށް ލޯބި ކުރާ، މައިންބަފައިންނާއި މުދައްރިސުންނަށް ކަމޭހިތާ، ޤައުމުގެ ލާބަޔަށް މަސައްކަތްކުރާ ސިފަވަންތަ ދަރިވަރުންތަކެއް އުފެއްދުމެވެ.
"ރެޑީ ކޭމްޕް" އިންތިޒާމު ކުރުމާ ގުޅޭ ގޮތުން ފުލުހުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާކޮށްފަ އެވެ.
ސްޓާފް ސާޖަންޓް އަޙުމަދު އުސައިދު ވިދާޅުވި ގޮތުގައި ރެޑީ ކޭމްޕުގައި ދަސްކޮށްދެވޭ ބައިތައް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެއީ އިސްލާމް ދީނާއި ޤައުމިއްޔަތާއި ދިރިއުޅުމުގަ ރިވެތި އާދަތައް ދަސްކޮށްދެވޭ ހަރަކާތްތަކެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ތިން ދުވަހުގެ މިކޭމްޕް ކުރިއަށް ދާނީ އަންހެން ކުދިންނާއި ފިރިހެންކުދިން އެއްވެސް ގޮތަކަށް މަސްހުނި ނުވާ ގޮތަށް ވަކިންނެވެ.
ކޭމްޕްގެ ތެރެއިން މައިގަނޑު ގޮތެއްގައި ކިޔަވައިދޭން ރާވާފައިވާ މައްދާތަކުގެ ތެރޭގައި ހިމެނެނީ ދީނީ ބައިތަކާއި ޓީމް ބިލްޑިން އެންޑް ލީޑަޝިޕް ކޮމިއުނިކޭޝަން، ރިވެތި އަދަބުތައް، ފިޒިކަލް ޓްރެއިނިން، ސައިބަ ކްރައިމް، އާންމު ޢިޖުތިމާއީ ޤާނޫނު، ޓްރެފިކް ޤަވާއިދުތައް އަދި ނަފްސް ތަންޒީމު ކުރުމުވެ.
މި "ރެޑީ ކޭމްޕް" އަކީ ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 67 ވަނަ ކޭމްޕެވެ. މީގެ ކުރިންވެސް އައްޑޫގައި ރޭޑީ ކޭމްޕް ވަނީ ބާއްވައިފަ އެވެ.