ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލު ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފިއެވެ.
ނިމާލު ހަމަޖެއްސީ ލަންކާގެ އެމްބަސީގެ ކޮން މަގާމަކަށް ކޮން ފެންވަރެއްގައިކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް އެމްބަސީގެ ވަޒީފާއަކަށް ބަދަލުކުރެއްވިކަން ނިމާލުވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމުގައި ހުންނަވަނިކޮށް ނިމާލު މަގާމުން ވަކިކޮށްފައިވަނީ 2016 އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެމްއާރްޑީސީގެ އެމްޑީކަމަށްވެސް ނިމާލު ހަމަޖެއްސިއެވެ. ނަމަވެސް 2017 ޖޫން މަހު ނިމާލުވަނީ އެމްއާރްޑީސީން އިސްތިއުފާ ދީފައެވެ.
ނިމާލު ފެނަކައިން ވަކިކުރިއިރު އެކުންފުނިން ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކަށް ދިން އެއް މިލިއަން ޑޮލަރުގެ ފައިސާ ނުލިބިވާ މައްސަލައެއް ފެންމަތިވިއެވެ. އަދި އެމައްސަލަ އޭސީސީ އިން ބެލިއެވެ. ނަމަވެސް އަދިވެސް އެފައިސާ ފެނަކަ ކޯޕަރޭޝަނަށް ލިބިފައިނުވެއެވެ.