Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ވިލާގެ މައްސަލާގައި އޭސީސީން އަދީބާ ސުވާލުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ވިލާ ގުރޫޕަށް ދޫކުރި ހުރިހާ ރަށެއްގެ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާގެ ސެޓުލްމަންޓް އެގްރީމަންޓްތައް ހެދި ދުވަސްވަރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސުވާލުކޮށްފިއެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި މި މައްސަލާގައި އޭސީސީން އަދީބާއި ސުވާލުކުރިނަމަވެސް، އެމަނިކުފާނު މިވަގުތު ދޫނިދޫގައި ހައްޔަރުކޮށްފައި ބަހައްޓާ ބެހެއްޓުމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމަށްވާތީ، ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް އެ ކޮމިޝަނަށް ހާޒިރުކުރުމުން އެއްބާރުލުން ދެއްވާނެކަމަށް އަދީބު ވިދާޅުވެފައިވާކަމަށެވެ.

އަދި އެ އެގްރީމަންޓްތަކަކީ މީގެ ހަތަރު އަހަރު ކުރިން ހެދިފައިވާ އެގްރީމަންޓްތަކެއްކަމަށްވާތީ، އެކަަމަށް ޖަވާބުދާރީވެވޭނީ އިތުރު ވަގުތު ވަކީލުންނާއި މަޝްވަރާކުރުމަށްފަހު ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ. މޫސާ ސިރާޖު ވިދާޅުވީ އަދީބު ގަބޫލުކުރައްވާގޮތުގައި އޭސީސީގެ މި އަމަލަކީ ވިލާ ގުރޫޕްގެ ޗެއާމަން ޤާސިމް އިބްރާހިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާއެއް ކަމަށް އަދީބު ޤަބޫލުކުރައްވާ ކަމަށްވެސް އަދީބުގެ ވަކީލު ވިދާޅުވި އެވެ. އަދި ވިލާ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ ހެދިފައިވާ ޤާނޫނާއި، ޤަވާއިދުތަކާއި އެއްގޮތަށް ރަނގަޅަށް، ސައްހަގޮތުގައި ހެދިފައިވާ އެއްބަސްވުންތަކެއްކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

މޫސާ ސިރާޖު ވިދާޅުވީ މިއަދުގެ ތަހުޤީޤުގައި އަދީބު އެއްވެސް ވާހަކައެއް މި މައްސަލައާއި ގުޅޭގޮތުން ދައްކާފައި ނުވާކަމަށާއި އަދި އެމަނިކުފާނު އޭސީސީއަށް ހާޒިރުކުރުމުން އެ މައްސަލާގައި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ.