Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އެސްޓީއޯގެ ހިއްސާ ދޫކުރުން އާދީއްތަ ދުވަހު ފަށަނީ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އަންނަ އާދީއްތަ ދުވަހު ދޫކުރަން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 30 މެއި ގައި ބޭއްވި އެކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2017 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް ބެހުމަށް ފާސްކުރި -/55ރ. (ފަންސާސް ފަސް ރުފިޔާ) 10 ޖޫން ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ މައި އޮފީހުން ދޫކުރަން ފަށާނެ ކަމަށެވެ.

ޙިއްޞާގެ ފައިދާ ބޭންކް އެކައުންޓްއަށް ޖަމާކުރުމަށް މިހާރު ރެޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 2018 ޖޫން 10 ގެ ނިއަލަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެސްޓީއޯ އިން ބުނީ ޙިއްޞާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ޙިއްޞާގެ ސެޓްފިކޭޓް ގެންނަވަންވާނެ ކަމަށާއި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ޙިއްޞާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެ ކަމަށެވެ. އަދި ޙިއްޞާދާރުގެ އައިޑީ ކާޑު ނުވަތަ ޙިއްޞާގެ ސެޓްފިކޭޓްގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

މީގެ އިތުރުން ބޭންކް އެކައުންޓްއަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކްއަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް އެސްޓީއޯ އިން އެދެއެވެ. އަދި މިފޯމް ކުންފުނީގެ ވެބްސައިޓް އަދި މައި އޮފީހުގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެސްޓީއޯ އިން ބުނީ މިފަދައިން ހުށަހެޅޭ ފޯމްތަކަށް ފޯމް ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ޙިއްޞާގެ ފައިދާ ޖަމާކޮށްދެވޭނެ ކަމަށެވެ.

އެ ކުންފުނިން ވަނީ މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ ފައިދާ ނުނަގާ ތިބި ފަރާތްތަކުން އެ ފައިސާ ނެގުމަށް އިލްތިމާސްކޮށްފަ އެވެ.